ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް، މިހާތަނަށް ރާއްޖެއިން އެއްވެސް އަސާސީ ބާވަތެއްގެ މުދަލެއް ހުސްވިޔަ ނުދީ މެނޭޖުކުރެވިފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިފަދައިން ވިދާޅުވީ، މެދުއިރުމައްޗާއި ގަލްފުގައި އެމެރިކާ އާއި އިސްރާއީލް އިސްވެ އީރާނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ކޮންމެ ދުވަހަކުވެސް އަސާސީ 164 ބާވަތެއްގެ މުދާ ސަރުކާރުން މޮނިޓަރ ކުރަމުން ގެންދާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ބާވަތެއް ހުސްވިޔަ ނުދީ ހިފެހެއްޓިފައިވަނީ ހުރިހާ އިމްޕޯޓަރުންނާ ގުޅިގެން ކުރެވޭ މަސައްކަތުން ކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މެދުއިރުމައްޗާއި ގަލްފުގައި ކުރަމުންދާ ހަނގުރާމައިގެ ޙާލަތު ސަރުކާރުން ވަރަށް ގާތުން ވިލަރެސްކުރަމުންދާ ކަމަށެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނޭ ނޭދެވޭ އަސަރުތަކަށް ދުރާލައި ތައްޔާރުވަމުންދާ ކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.
ވަޒީރު ޚަލީލު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖެއަށް އާންމުކޮށް މުދާ ގެންނަ ބާޒާރުތަކުން ތަކެތި ލިބުމަށް ދަތިވެއްޖެ ޙާލަތެއްގައި، ބޭނުންވާނޭ އެހެނިހެން ބާޒާރުތައް ހޯދައި، އެ ފަރާތްތަކާއެކު ރާއްޖޭގެ ކަމާބަހޭ ފަރާތްތަކުން މިހާރުވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!