މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން މިރޭ އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން ވަކިކުރީ، އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ ކަމަށެވެ. ރިޝްވާން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވީ 6 އެޕްރީލް 2026 ގައެވެ.
އެމްޕީއެލްގެ އެމްޑީކަމަށް ރިޝްވާން ޢައްޔަނުކުރީ 5 ފެބްރުއަރީ 2025 ގައެވެ.
ރިޝްވާނަކީ މީގެ ކުރިން ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އޭނާ ފުރުއްވާފައިވެއެވެ. މީގެ އިތުރުން ރިޝްވާނަކީ ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ފުލުހުންގެ ހިދުމަތުން އޭނާ ރިޓަޔާ ކުރެއްވިއިރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ރިޝްވާން މަސައްކަތް ކުރައްވަމުން ގެންދެވީ ކްލިނިކް ހިންގުމުގެ ދާއިރާއިން އަމިއްލަ ވިޔަފާރީގައެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެމްޕީއެލްގެ އެމްޑީގެ މަގާމަށް އެންމެ ފުރަތަމަ އައްޔަނުކުރީ މުހައްމަދު ވަޖީހު އިބްރާހިމް އެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގަތީ 2 ފެބްރުއަރީ 2025 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!