މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ އަދަދެއްގެ ވިޔަފާރިތަކުން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ތާޢީދުކޮށް، އެމަނިކުފާނު އެންޑޯސް ކޮށްފި އެެވެ.

މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ ވިޔަފާރިތަކަކުން މިއަދު ވަނީ މޫސާ ޢަލީ ޖަލީލާއި އެކު ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުން އޮތީ މާލޭ، މަންހަޓަން ރެސްޓޯރަންޓުގަ އެވެ.

Ad
rt

މި ބައްދަލުވުމުގައި ވިޔަފާރިތަކުން ވަނީ، މާލެ ސަރަހައްްދުގައި ޙަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަ ކޮށްފަ އެވެ. އެގޮތުން ވިޔަފާރިތަކުން ފާހަގަކުރި ގޮންޖެހުންތަކުގެ ތެރޭގައި ޕާކު ކުރުމާއި މުދާ ގުދަން ކުރުމަށް ދިމާވަމުންދާ ގޮންޖެހުންތައް ވަނީ ފާހަގަކޮށްފަ އެވެ.

މި ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ މޭޔަރު ކެންޑިޑޭޓު މޫސާ ޢަލީ ޖަލީލް ދެއްކެވި ވާހަކަފުޅުގައި ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި ކަންބޮޑުވުންތަކަށް އެންމެ ފުރިހަމަ ގޮތުގައި ހައްލު ގެނެސްދެވޭނީ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކުގައިކަން ފާހަގަ ކުރެއްވި އެވެ.

ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކަށް އެކަށޭނެ ހައްލެއް ހޯދައި ދިނުމަށް މުހިންމު ޕްލޭންތަކެއް ރާވާފައިވާކަން ފާހަގަކުރައްވައި ވިޔަފާރީގައި ޙަރަކާތްތެރިވާ އަދި ޙަރަކާތްތެރިވާން ބޭނުންވާ ޒުވާނުންނަށް ވެސް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް ޕްލޭންތަކެއް ރާވާފައިވާކަން އެމަނިކުފާނުު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވަރާއާއެކު ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވިޔަފާރިތަކަށް ދެއްވަމުން ނެވެ.

ވިޔަފާރިތަކުން ވަނީ، މާލެ ސަރަޙައްދުގައި ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދުމަށް މިހާރު ދިމާވާ ދަތިތައް ހައްލު ކުރެވޭނީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ކައުންސިލެއް އޮވެގެން ކަން ފާހަގަ ކޮށްފަ އެވެ.