އީރާނުގެ ތެލުގެ މުއްސަނދިކަން އަތުލައިގަނެވިދާނެކަމަށާއި، އީރާނުގެ ތެލުގެ އިގްތިޞާދުގެ މައި ހަބު ކަމަށްވާ ޚާރްގް އައިލެންޑް ހިފުމުގެ ރޭވުން އޮތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
''ފައިނޭންޝަލް ޓައިމްސް''އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އޭނާއަށް "އީރާނުގެ ތެޔޮ އަތުލެވިދާނެ" ކަމަށާއި، އެ ގައުމުގެ މައި ތެޔޮ ބަނދަރު ކަމަށްވާ ޚާރްގް އައިލެންޑް ހިފުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ އެންމެ ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލުމަށެވެ.
"ތެދަށް ބުނާނަމަ، އަހަރެން އެންމެ ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލަން. އެކަމަކު އެމެރިކާގައި ތިބި ބައެއް މޮޔަ މީހުން ބުނަނީ: 'ތިކަން ކުރަނީ ކީއްވެހޭ؟' އެކަމަކު އެއީ މޮޔަ މީހުން،" ޓްރަމްޕް ވިދާޅުވިއެވެ.
ޚާރްގް އައިލެންޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް އިޝާރާތް ކުރެއްވީ އެ ސަރަހައްދު އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށެވެ. "
ފަހަރުގައި އަހަރެމެން ޚާރްގް އައިލެންޑް ހިފާފާނެ، ނުވަތަ ނުހިފާފާނެ. އަހަރެމެންގެ އަތުގައި ވަރަށް ގިނަ އިޚްތިޔާރުތައް އެބަހުރި،" އޭނާ ވިދާޅުވިއެވެ. އަދި އޭގެ މާނައަކީ އެމެރިކާގެ ސިފައިން ދުވަސްކޮޅަކަށް އެ ރަށުގައި ތިބެން ޖެހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ދިފާއީ ނިޒާމާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެ ގައުމުގެ ދިފާއީ ނިޒާމެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ވަރަށް ފަސޭހައިން އެތަން ހިފިދާނެ ކަމަށެވެ. މި ވާހަކަތައް އޭނާ ދައްކަވާފައި ވަނީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެމެރިކާގެ އިތުރު 3,500 ސިފައިން އެ ސަރަހައްދަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ މެދުވެރިން މެދުވެރިކޮށް އީރާނާއި އެމެރިކާއާ ދެމެދު ނުސީދާ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެ މަޝްވަރާތައް ރަނގަޅަށް ކުރިއަށްދާ ކަމަށް ވިދާޅުވި ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަވަހަށް އާދެވިދާނެތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ދެއްވަން އޭނާ ވަނީ އިންކާރު ކުރައްވާފައެވެ. އެހެންނަމަވެސް، ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު އޭނާ ފާޅުކުރެއްވިއެވެ.
އީރާނުގެ މައި ބިމާ 15 މޭލު ދުރުގައި އޮންނަ ޚާރްގް އައިލެންޑަކީ އެ ގައުމުން ބޭރުކުރާ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ ހިއްސާކުރާ ރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!