ފާއިތުވި 10 އަހަރު ހޯރަފުށީ ކައުންސިލު އިދިކޮޅު އެމްޑީޕީއަށް ދީފައި އޮތް އޮތުން ބަދަލުކޮށް ސަރުކާރާ ގުޅިގެން ރަށަށް ތަރައްގީ ގެނައުމަށް ރައްޔިތުން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަލި މޫސަ ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހަވީރު އެ ރަށުގައި ސައިކަލު ބުރެއް ބާއްވާފައިވާއިރު އެ ހަރަކާތުގެ ތެރެއިން "ދިވެހީންގެރާއްޖެ" ކަވަރޭޖަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މެމްބަރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާ ހޯރަފުށީ ދާއިރާގެ ރައްޔިތުން ކުރިމަތިލަނީ ބޮޑު އުއްމީދަކާ އެކުގައި ކަމަށެވެ.

Ad
rt

އޭޕްރީލު މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ މައި ދެ އިންތިހާބުގެ ރެފަރެންޑަމްއާ ބެހޭގޮތުން މެމްބަރު ވިދާޅުވީ ޑިމޮކްރަސީ ދަންނަ ނަމަ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅު ނުހަދާނެ ކަމަށެވެ.

"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެއް. ވަރަށް ބޭސިކް ފެންޑަމެންޓަލް ޑިމޮކްރެޓިކް ވެލިއުއެއް މި ހިފަހައްޓަނީ. ރައްޔިތުން ގާތު މި އައްސަވަނީ ރަނގަޅު ގޮތަކީ ކޮބައިތޯ؟. އެބަ ފެނޭ މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން. ހަގީގަތަކީ ޑިމޮކްރސީ ރަނގަޅަށް ދަންނަ މީހުން އެގޮތަކަށް އަމަލެއް ނުކުރާނެ. ޑިމޮކްރަސީގައި ރައްޔިތުންގެ ބަސް އަހަންޖެހޭނެ. " މެމްބަރު އަލި މޫސާ ވިދާޅުވެފަވެއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް އޮޅުން ފިލުވާލުމަށް ވޯޓެއް ނެގުމަކީ މައްސަލައެއްކަމަށް ގަބޫލުނުކުރައްވާކަމަށް މެމްބަރު ވިދާޅުވި އެވެ.