ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ގާނޫނު އަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލްވެފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މަޖިލީހުން ބިލެއް ފާސްކޮށްފައިވާއިރު, އެ ބިލާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.
އެ މައްސަލާގައި މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ހުށަހެޅުއްވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާތީ އެ އިސްލާހުގެ ދަށުން ފެންނަ ނުފެންނަ ވޯޓު ނުނެގޭނެ ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައި, އެކަން އަންގައިފަ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ނިންމި ނަމަވެސް ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ވަކީލް އައިކް އަހުމަދު އީސަ އާއި ވަކީލް އިބްރާހިމް ޝިޔާމް ހުށަހެޅި މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ވަނީ ނިންމައިފަ އެވެ.
އެ ދެ ވަކީލުން ހުށަހެޅީ ފެންނަ ނުފެންނަ ވޯޓުގައި ކުރާ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ބުނެ, އެގޮތަށް ފެންނަ ނުފެންނަ ވޯޓު ނުނެގޭނެ ކަމަށް ބުނެ އެވެ. އެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!