ސަރުކާރުން އަލަށް ތައާރަފުކުރާ "ޓެކްސީ ލައިން" ގެ ހިދުމަތަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ބެޗު ރާއްޖެ ގެނެސްފިއެވެ.

މާލޭ ސަރަހައްދުގައި މި ހިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

Ad
rt

އެމްޓީސީސީން މިއަދު ބުނީ މާލެ ޓެކްސީ ލައިނަށް ހާއްސަކޮށްގެން ގެނައި އިލެކްޓްރިކް އުޅަނދުތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ރާއްޖެ ގެނެސް، ހުޅުމާލެ ޕޯޓުން ކްލިއަރެންސް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މުހައްމަދު އަމީން އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީ ވަނީ އެ ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ.

މި މަޝްރޫއުގެ ދަށުން ފުރަތަމަ ބެޗުގައި 60 ކާރު ގެނެސްފައިވާއިރު، ޓެކްސީ ލައިނަށް ޖުމްލަ 150 ކާރު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.


އެމްޓީސީސީން ބުނި ގޮތުގައި މިއީ ރައްކާތެރި، އިތުބާރު ހުރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ހިދުމަތް ދިނުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 12 ފެބްރުއަރީ 2025 ގައެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ.

މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭނީ އެކަމަށް ހާއްސަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މިއީ ތިމާވެއްޓާ ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލްތައް ބޭނުންކޮށްގެން ދޭ ހިދުމަތެކެވެ.

މި ހިދުމަތުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ޓެކްސީ ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދީ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. މި ޚިދުމަތާއި ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި ހިދުމަތް ތައާރަފުކުރި ނަމަވެސް މިހާރު ތިބި ޓެކްސީ ޑްރައިވަރުން ބާކީ ނުކުރާނެ ކަމަށާއި، މި ނިޒާމުގެ ތެރެއިން ޑްރައިވަރުންނަށް ބައިވެރިވެވޭނެ ފުރުސަތު އޮންނާނެ ކަމަށެވެ.