އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށާއި އަންހެނުންނަށް ޚާއްޞަ ކުރުމަށް ޤާނޫނީ އިޞްލާޙުތަކެއް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުން ނިންމަވައިފިނަމަ، ސަރުކާރުގެ ރީފޯމް ޕެކޭޖުގެ ދަށުން މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.
މީގެ ތެރޭގައި މަޖިލީހުގެ ގޮނޑިތަކުގެ ވަކި މިންވަރެއް ޒުވާނުންނާއި އަންހެނުންނަށް ކަނޑައެޅުމުގެ އިތުރުން، އެއްބުރުން ރިޔާސީ އިންތިޚާބު ބޭއްވޭނެ 'ޕްރިފަރަންޝަލް ވޯޓިންގ' ނިޒާމެއް ތަޢާރަފު ކުރުމުގެ ދިރާސާތައް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޔާސީ ދައުރު ފެށޭ ތާރީޚަކީ ނޮވެންބަރު 11 ކަމުގައި އަލުން ކަނޑައެޅުމަށާއި، މިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން އިތުރުކުރުމަށް ބޭނުންވާ ޤާނޫނީ ބަދަލުތައް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މުޅި ނިޒާމަށް ގެންނަންޖެހޭ އިޞްލާޙުތަކުގައި ހިމެނިގެން، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އިތުރުކުރުމަށާއި، ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ކަށަވަރު ކުރުމަށް، ޤާނޫނުތަކަށް ގެނެވޭ އިޞްލާޙުތައްވެސް ހުށަހަޅުއްވާނަން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި 'ސިޓިޒެންސް ކޮމްޕްލެއިންސް ބިއުރޯ' އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އަންނަ ޖުލައި މަހުގެ ތެރޭގައި އެ އިދާރާ އުފައްދަވާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ، 2028 ވަނަ އަހަރު ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބާއްވާނަމަ، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެޕްރީލް މަހުގެ ފެންނަ ނުފެންނަ ވޯޓަކީ މިފަދަ ބޮޑެތި ދުސްތޫރީ ބަދަލުތަކަކަށް މަގުފަހިވެގެންދާނެ މުހިންމު ނިންމުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!