ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ހުޅުމާލޭގައި ތަރައްޤީކުރާ 1،224 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

އެމަނިކުފާނު ވަނީ ތައްޔާރީތައް ބައްލަވާލެއްވުމަށް، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ ހުޅުމާލޭ ފޭސް 2 ގައި ހުންނަ ސައިޓަށް މިއަދު ޒިޔާރަތެއް ކުރަށްވާފައެވެ.

Ad
rt

މި ޒިޔާރަތަކީ ރޭ ބޭއްވުނު މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ފަހު، މަސައްކަތްތައް އަމަލީގޮތުން ކުރިއަށްދާނެ ގޮތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ. މި ޒިޔާރަތުގައި ރައީސް މުޢިއްޒު ވަނީ މަސައްކަތް ފެށުމަށް ސީ.އެމް.އީ.ސީ. ގެ ފަރާތުން ވެފައިވާ ތައްޔާރީތަކުގެ ތަފުސީލީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ މި މަޝްރޫޢުގެ މަސައްކަތް އެއްވެސް މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް އެ ކުންފުނީގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. ރައީސްގެ މި އެދިވަޑައިގަތުމަށް އިޖާބަދެއްވައި، ސީ.އެމް.އީ.ސީ. ގެ ވެރިން ވަނީ މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއްވެސް ތާވަލުކުރެވިފައިވާ ތާރީޚްތަކަށް ނިންމަވާނެ" ކަމުގެ ޔަގީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި، މަޝްރޫޢުގެ ފައިނޭންސަރެއްގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރިންނާއި، ސީ.އެމް.އީ.ސީ. ގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ގުޅުންހުރި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ޖުމްލަ 3،260 ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫޢެއްގެ ބައެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ "ލީސް-ޓު-އޯން" ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ އުޞޫލުން ރައްޔިތުންނަށް ލުއި ގޮތްތަކެއްގެ މަތިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.