1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް، އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމަށްވާ މަސްޖިދުލް އަގްސާ، ފިތުރު އީދު ދުވަހު މުސްލިމް އަޅުވެރިންނަށް ބަންދުކޮށްފިއެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އެޅި މި ފިޔަވަޅާއެކު، މިއަހަރުގެ އީދު ދުވަސް ވެގެން ގޮސްފައިވަނީ ގުދުސްގެ މުސްލިމުންނަށް ފަހުގެ ތާރީޚެއްގައި އައި އެންމެ ހިތާމަވެރި ދުވަހަށެވެ.
ހުކުރު ދުވަހު ފާހަގަކުރި އީދު ނަމާދަށް އަގްސާ މިސްކިތަށް ވަނުން މަނާކުރުމުން، އެތައް ހާސް ފަލަސްތީނު ރައްޔިތުންނަށް މަޖުބޫރުވީ މިސްކިތާ އެންމެ ކައިރިވެވޭ ހިސާބުތަކުގައި، އޯލްޑް ސިޓީގެ މަގުތަކާއި ބާޒާރުމަތީގައި ނަމާދު ކުރުމަށެވެ. އިސްރާއީލު ފުލުހުން ވަނީ ދިމިޝްގު ދޮރާށި (ބާބުލް އަމޫދު) އާއި ހެރޮޑްސް ދޮރާށި (ބާބުލް ސާހިރާ) ފަދަ ތަންތަނުގައި ހުރަސްތައް ކުރިމަތިކޮށް، އަޅުވެރިންނަށް ފާރަލާފައެވެ.
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މިސްކިތް ބަންދުކުރުމަށް ދައްކާފައިވަނީ "ސަލާމަތީ" އުޒުރުތަކެކެވެ. އެގޮތުން އީރާނާއެކު ކުރަމުންދާ ހަނގުރާމައާއި، މިސައިލް ހަމަލާތަކުން ރައްކާތެރިވާނެ ހިޔާވަހިކަން މިސްކިތުގައި ނެތް ކަމަށް ބުނެފައިވެއެވެ. ނަމަވެސް ފަލަސްތީނުގެ އިސްލާމިކް ވަގުފް އިދާރާއާއި ގުދުސްގެ ގަވަރުނަރޭޓުން ވަނީ މި ސަބަބުތައް ދޮގުކޮށްފައެވެ. އެ ފަރާތްތަކުން ސިފަކުރި ގޮތުގައި މިއީ ހަނގުރާމައިގެ ނިވާފަތްގަނޑުގައި އަގްސާ މިސްކިތުގެ "ސްޓޭޓަސް ކޯ" ބަދަލުކުރުމަށް އިސްރާއީލުން ހިންގާ ސިޔާސީ ނާޖާއިޒު އަމަލެކެވެ.
މި ހިތާމަވެރި ހާލަތާ ގުޅިގެން ގުދުސްގެ ރައްޔިތެއް ކަމަށްވާ ވަޖުދީ މުޙައްމަދު ޝުވައިކީ ބުނެފައިވަނީ، މިއަދު އަގްސާ މިސްކިތް މުސްލިމުންގެ އަތުން ފޭރިގަނެފައިވާ ކަމަށާއި، މިއީ މުޅި ދުނިޔޭގެ މުސްލިމުންނަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ. މިސްކިތުގެ އެތެރެއަށް ވަނުމުގެ ފުރުސަތު ދީފައިވަނީ ވަގުފް އިދާރާގެ މަދު މުވައްޒަފުންކޮޅަކަށް އެކަންޏެވެ.
އީދު ނަމާދުގެ ވަގުތުގައި މަގުމަތީގައި ތިބި އަޅުވެރިން ރޫޅާލުމަށް އިސްރާއީލު ފުލުހުން ވަނީ ކަރުނަގޭހާއި ސްޓަން ގްރޭނޭޑް ބޭނުންކޮށްފައެވެ. މީގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެ، މަދުވެގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ މި އަމަލު ދުނިޔޭގެ ގައުމުތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ސައުދީ އަރަބިއްޔާ، ޔޫއޭއީ، ތުރުކީ، އުރުދުން އަދި މިޞްރު ހިމެނޭހެން އަށް ގައުމަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ދީނީ މިނިވަންކަމަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ކުރީގެ ގްރޭންޑް މުފްތީ ޝައިޚް އިކްރިމާ ސަބްރީ ވަނީ ފަތުވާއެއް ނެރުއްވާފައެވެ. އެ ފަތުވާގައިވަނީ، އިސްރާއީލުގެ ހުރަސްތަކުގެ ސަބަބުން މިސްކިތަށް ނުވަދެވުނު މީހުން، މިސްކިތާ އެންމެ ކައިރި ހިސާބެއްގައި ނަމާދު ކުރުމުން، މިސްކިތުގެ އެތެރޭގައި ނަމާދުކުރުމުގެ ފުރިހަމަ ސަވާބު ލިބޭނެ ކަމަށެވެ.
މިއަހަރުގެ ރަމަޟާން މަހަކީ ފާއިތުވި 60 އަހަރުގެ ތެރޭގައި އަގްސާ މިސްކިތުގައި ތަރާވީޙް ނަމާދާއި އިޢުތިކާފަށް އިނުންވެސް އެންމެ ބޮޑަށް ހުރަސްއެޅިގެންދިޔަ އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!