ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަތައް ކޯޓަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިންނެވެ.

Ad
d

އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ، ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ މަހު ބޭއްވުމަށް ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށެވެ.

މި އިސްލާހަކީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު 2028 ވަނަ އަހަރަށް ކުރުކޮށް، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހެކެވެ.

މި ބިލު ބާތިލުކުރަންޖެހޭ ސަބަބެއްގެ ގޮތުގައި ދައުވާގައި ފާހަގަކޮށްފައިވަނީ، ބިލު ތަސްދީގުކުރުމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ 15 ދުވަހުގެ މުއްދަތު ހަމަވިއިރުވެސް ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރައްވާފައި ނުވާކަމަށް ބުނެއެވެ. ގާނޫނުއަސާސީގައި ބުނާ މުއްދަތުގެ ތެރޭގައި ތަސްދީގު ނުކުރުމަކީ ބިލުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ދައުވާގައިވެއެވެ.

މީގެ އިތުރުން، ގާނޫނުއަސާސީއަށް ގެންނަ މިފަދަ ބޮޑު އިސްލާހެއް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަކަމަށާއި، އެ ވޯޓު ނެގުން ލަސްވެފައިވާތީ، އެ ބިލު މިހާރު ބާތިލުވެފައިވާ ކަމަށް އަލީ ހުސައިން ހުށަހެޅުއްވި ދައުވާގައި ބުނެފައިވެއެވެ.

Ad
df