މަސްވެރިންނަށާއި އާންމު ދަތުރުފަތުރާއި ފެރީގެ ހިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ.
އެސްޓީއޯ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރައްޔިތުންނަށް މާލީ ބުރައެއް ކުރިމަތިނުވާނެހެން އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގައި ގެންގުޅޭ 'ފަހިހަކަތަ' ޕްރޮގްރާމްގެ ދަށުން ސަބްސިޑީ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެހެންވެ. މި ފަރާތްތަކަށް މާލެ ސަރަހައްދުގެ ފިއުލް ޝެޑްތަކުންނާއި އަތޮޅުތެރޭގެ ޝެޑްތަކަށް ތެޔޮ ވިއްކާ އަގަށް ބަދަލެއް ނުގެނައުމަށް ވެސް ވަނީ ނިންމާފައެވެ/
މާލެ ސަރަހައްދުގައި މިހާރު ޕެޓްރޯލް ލީޓަރެއް ލިބެން ހުރީ 16.01 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާ އަށެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ސަރުކާރަށް ލިބޭ ފައިދާއިން ބައެއް އުނިކޮށްގެން ނަމަވެސް، ރައްޔިތުންނަށް ތެލުގެ އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ދިމާވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެންނެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 100 ޑޮލަރަށްވުރެ މަތިވެފައެވެ. މީގެ ސަބަބުން ރާއްޖެއަށް ތެޔޮ އެތެރެކުރަން ޖެހޭ ހަރަދު ބޮޑުވެ، އެސްޓީއޯ އަށް ވެސް ތެލުގެ އަގަށް ބަދަލުގެންނަން މަޖުބޫރިވީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!