ޤާނޫނުއަސާސީއަށް ބަދަލު ގެންނަން މަސައްކަތް ކުރަނީ ޤައުމަށް މަންފާ ހޯދައިދިނުމަށް ކަމަށާއި، އެއީ ވަކި ބަޔަކު ރުއްސަން ކުރާކަމެއް ނޫންކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމަށް އިއްޔެ ކުރިއަށް ގެންދިޔަ ހުޅުމާލެ އުތުރު ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޝުޖާއު ވިދާޅުވީ، ޤާނޫނު ހަދާ މަޖިލިސް ހިނގާ ގޮތް އެމްޑީޕީއަށް ނޭނގޭކަމަށެވެ. އަދި ސަރުކާރުން ޤާނޫނުއަސާސީއަށް ބަދަލު ގެންނަން މަސައްކަތް ކުރަނީ ޤައުމަށް ލާބައާއި މަންފާ ހޯދައިދިނުމަށް ކަމަށާއި، އެއީ ވަކި ބަޔަކު ރުއްސަން ކުރާ ކަމެއް ނޫން ކަމަށް މެންބަރު ޝުޖާއު ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ މައިގަނޑު ތިން އިސްލާހަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިތުރުން މަޖިލިސް މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމެވެ.
މަޖިލިސް މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ މައްސަލައަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ޖޭއެސްސީ އިސްލާހު ކުރުމުގެ މައްސަލައަކީ މީގެ ކުރިން 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު ބޭރުކޮށްލާފައިވާ މައްސަލައެއްކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދީ، އިހުލާސްތެރިކަމާއެކު އެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މި ބަދަލުތަކަކީ ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންތެރި ބަދަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!