އީރާނުގެ އަންހެން ފުޓްބޯޅަ ޓީމުގެ ފަސްވަނަ ކުޅުންތެރިޔަކު އޮސްޓްރޭލިއާއިން ހިމާޔަތް ހޯދުމަށް ހުށަހެޅި ހުށަހެޅުން އަނބުރާ ގެންގޮސް، ރޭގެ ވަގުތެއްގައި އެ ގައުމުން ފުރާފައިވާކަން އޮސްޓްރޭލިއާ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.
އޮސްޓްރޭލިއާގެ އޮފިޝަލުން އެ ކުޅުންތެރިޔާގެ ނަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް، އެއީ ޓީމުގެ ކެޕްޓަން ޒަހްރާ ޣަންބަރީ ކަމަށް އެކްޓިވިސްޓުންނާއި އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.
އީރާނުގެ 'އިރުނާ' ނިއުސް އެޖެންސީން ބުނެފައިވަނީ ޣަންބަރީ އެނބުރި އައީ "މާދަރީ ވަތަނުގެ އުނގަށް" ކަމަށެވެ. އަދި 'މެހެރު' ނިއުސް އެޖެންސީން މި ނިންމުމަކީ "ގައުމީ ލޯބި އިސްކޮށް ނިންމި ނިންމުމެއް" ކަމަށް ސިފަކޮށްފައިވެއެވެ.
އޮސްޓްރޭލިއާގައި މަޑުކުރުމަށް އެންމެ ފުރަތަމަ ހިއުމަނިޓޭރިއަން ވިސާ ހޯދި ހަތް މެންބަރުންގެ ތެރެއިން މިހާރު އެ ގައުމުގައި ތިބީ އެންމެ ދެ މީހުންނެވެ. އިތުރު ތިން ކުޅުންތެރިޔަކުވެސް ހިމާޔަތަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން އަނބުރާ ގެންގޮސްފައިވާކަން އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، އެހެން ކުޅުންތެރިޔަކުވެސް މިދިޔަ ހަފުތާގައި ވަނީ އޭނާގެ ނިންމުން ބަދަލުކޮށްފައެވެ.
މި ގްރޫޕުން އެންމެ ފުރަތަމަ ހިމާޔަތަށް އެދިފައިވަނީ، އޭޝިއަން ކަޕްގެ ފުރަތަމަ މެޗުގައި އީރާނުގެ ގައުމީ ސަލާމް ކިޔަމުން ދިޔައިރު ހިމޭނުން ތިބުމުގެ ސަބަބުން، އެނބުރި ގައުމަށް ގޮސްފިނަމަ ސަރުކާރުގެ ފަރާތުން ފިޔަވަޅެއް އަޅާފާނެކަމަށް ދެކިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!