ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ދުބާއީ ސިވިލް އެވިއޭޝަން އޮތޯރިޓީން ބުނި ގޮތުގައި މި ނިންމުން ނިންމީ ފަސިންޖަރުންނާއި އެއާޕޯޓުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

Ad
rt

މި ހާދިސާ ހިނގަން މެދުވެރިވީ އެއާޕޯޓް ސަރަހައްދުގައި ޑްރޯންއަކާ ގުޅުންހުރި ހާދިސާއެއް ހިނގައި، އެ ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކެއްގައި އަލިފާން ރޯވުމުގެ ސަބަބުން ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ.

ދުބާއީ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ތެޔޮ ޓޭންކަށް ލިބުނު ގެއްލުމާ ގުޅިގެން ރޯވި އަލިފާންގަނޑު، ސިވިލް ޑިފެންސް ޓީމުތަކުން ކުރި މަސައްކަތުން މިހާރު ވަނީ ކާމިޔާބުކަމާއެކު ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ދުބާއީ ސިވިލް އެވިއޭޝަން އޮތޯރިޓީން އިތުރަށް ބުނެފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލީ ހުރިހާ ފަރާތްތަކެއްގެ ސަލާމަތަށް އިސްކަންދިނުމުގެ ގޮތުން ކަމަށެވެ.


"ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ދަނީ އަޅަމުން،" އެ އޮތޯރިޓީން ނެރުނު ބަޔާނުގައިވެއެވެ.

މި ހާދިސާއާ ގުޅިގެން އެއާޕޯޓުގެ ފްލައިޓްތަކަށް ބުރޫ އަރާފައިވާއިރު، ހާލަތު އާންމު ހާލަތަކަށް ގެނައުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.