ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން، އެ ޕާޓީގެ ކެންޑިޑޭޓުންނާއި ސަޕޯޓަރުން އަދި ލީޑަރޝިޕް ބައިވެރިވި ބޮޑު ސައިކަލު ބުރެއް މާލޭގައި މިއަދު ބާއްވައިފިއެވެ.
މި ހަރަކާތަކީ ޕާޓީގެ ވަރުގަދަކަން ދައްކާލުމަށާއި ކެމްޕޭން ފޯރި ގަދަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ސައިކަލު ބުރު ފެށީ މާފަންނު މެރީބްރައުން ސަރަހައްދުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ދަތުރު މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވުމަށްފަހު ނިންމާލާފައިވަނީ ހެންވޭރުގައި ހުންނަ ޕީއެންސީގެ މައި އޮފީސް ކައިރިއަށެވެ. މި ހަރަކާތުގައި ޕާޓީގެ ދިދަތަކާއި ކެންޑިޑޭޓުންގެ ފޮޓޯތައް ބޭނުންކޮށްފައިވެއެވެ.
ޕީއެންސީގެ ސައިކަލް ބުރުގެ ތެރެއިން، ފޮޓޯ: ޕީއެންސީ
ސައިކަލު ބުރުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް ސަރުކާރުން ބޭނުންވާކަން ހާމަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުން ރަށްރަށުގައި ހިންގަން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ސަރުކާރަށް އެއްބާރުލުންދޭނެ ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް މުޢިއްޒު ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.
ސައިކަލް ބުރުގެ ބައިވެރިންނާ ރައީސް މުޚާތަބު ކުރަށްވަނީ، ފޮޓޯ: ޕީއެންސީ
"ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް ސަރުކާރު ކެންޑިޑޭޓުން ހޮވައިދިނުމަކީ މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.
މި ހަރަކާތުގައި ރައީސް މުޢިއްޒުގެ އިތުރުން، ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދައުލަތުގެ ވަޒީރުންގެ އިތުރުން ޕާޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!