އިރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެކަނިވެސް 11.3 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުވެފައިވާ ކަމަށް ޕެންޓަގަނުން އެމެރިކާގެ ކޮންގްރެސްއަށް އަންގައިފިއެވެ.

މިކަމާ ގުޅޭ މަޢުލޫމާތު ހުރި ތިން މަޞްދަރަކާއި ހަވާލާދީ އެމެރިކާގެ ''އެންބީސީ'' ނިއުސް އިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ އޮފިޝަލުން މި ތަފްޞީލުތައް ދެއްވީ އަންގާރަ ދުވަހު ސެނެޓަރުންނާއެކު ބޭއްވި ސިއްރު ބައްދަލުވުމެއްގައެވެ. ނަމަވެސް، ޑެލަވެއާގެ ސެނެޓަރު ކްރިސް ކޫންސް ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ހަގީގީ ޚަރަދު މިއަށްވުރެ މާ ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ މިހާރު ހާމަކޮށްފައިވާ އަދަދަކީ ހަނގުރާމައިގެ ހުރިހާ ދާއިރާއަކުން ހިނގާ ޚަރަދުތައް ހިމަނައިގެން ނެރެފައިވާ އަދަދަކަށް ނުވާތީއެވެ.

Ad
rt

ސެނެޓަރު ކޫންސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި ހަނގުރާމައިގައި ބޭނުންކުރި ހަތިޔާރު އަލުން ހޯދުމަށް ހިނގާނެ ޚަރަދަށް ބެލިޔަސް، އެ އަދަދު މިހާރުވެސް 10 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ.

މިކަމާ ގުޅޭގޮތުން ޕެންޓަގަނުގެ ތަރުޖަމާނަކު ވިދާޅުވީ، ސިއްރު ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށާއި، "އޮޕަރޭޝަން އެޕިކް ފިއުރީ" އަށް ހިނގާނެ ޖުމްލަ ޚަރަދު އެނގޭނީ އެ މިޝަން އެއްކޮށް ނިމުމުން ކަމަށެވެ.

މި ހަނގުރާމައަށް މިހާރު 11 ދުވަސް ވެފައިވާއިރު، މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުން އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. އިރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނާ ގޮތުގައި، އިސްރާއީލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 1,200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން އިސްރާއީލުން 13 މީހުން، ޔޫއޭއީން 6 މީހުން، އަދި ލެބަނަނުން 570 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާގެ އަސްކަރިއްޔާއިންވެސް 7 ސިފައިން މަރުވެ، 140 މީހުން ވަނީ ޒަޚަމްވެފައެވެ.

ހަނގުރާމަ ދިގުދެމިގެންދާނެ މުއްދަތާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވީ އޮޅުންބޮޅުން ބޮޑު ވާހަކަފުޅުތަކެކެވެ. އެމަނިކުފާނު އެއްފަހަރު ވިދާޅުވީ ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. ނަމަވެސް، ހަމަ އެ ބައްދަލުވުމުގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މިއީ ހަމައެކަނި ހަނގުރާމައިގެ ފެށުން ކަމަށް ވިދާޅުވި ވާހަކަފުޅަކީވެސް ރަނގަޅު ވާހަކައަކަށް ވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މަސްރަހު އިތުރަށް ނުތަނަވަސްވެފައިވަނީ ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެންނެވެ. މީގެ ރައްދުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުދަ ދުވަހު ބުނީ، އެ ސަރަޙައްދުގައި އޮތް އިރާނުގެ ބައެއް ކަނޑުގެ އުޅަނދުތައް ނައްތާލާފައިވާ ކަމަށެވެ.