މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު (RSW) ސިސްޓަމްތައް ޤާއިމްކުރުމަށް މިހާތަނަށް 51 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް 90 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 45 ފަރާތެއްގެ ހުށަހެޅުން މިހާރު ވަނީ އެޕްރޫވްކޮށްފައެވެ.

Ad
rt

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ދޯނިފަހަރުގައި މި ސިސްޓަމް ޤާއިމްކުރުމުން މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އައިސް ހޯދުމަށްޓަކައި އެކި ރަށްރަށަށް ދޯނި ދުއްވަން ނުޖެހުމުގެ ސަބަބުން، މަސްވެރިންގެ އެންމެ ބޮޑު ޚަރަދު ކަމަށްވާ ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ "އާރު.އެސް.ޑަބްލިޔު. ސިސްޓަމަކީ ވަރަށް ޒަމާނީ ސިސްޓަމެއް" ކަމަށާއި، މި ނިޒާމުގެ ސަބަބުން މަސްވެރިންނަށް އައިސް ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

މި ލޯނު މަޝްރޫޢަކީ މަސްވެރިކަމާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި މަޝްރޫޢު މިހާރު ވަނީ އިތުރު ލުއިތަކަކާއެކު އަލުން ހުޅުވާލާފައެވެ. އެގޮތުން ލޯނަށް އެދޭ ފަރާތްތަކުގެ ކްރެޑިޓް ހިސްޓްރީ ބަލާ މުއްދަތު އެއް އަހަރުން ތިން މަސްދުވަހަށް ވަނީ ކުޑަކޮށްފައެވެ.

މީގެ އިތުރުން، މިހާރު އަލަށް ބަންނަ ދޯނިތަކަށްވެސް މި ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް، ކަނޑައަޅާފައިވާ މުއްދަތުގައި އެއްވެސް ލޯނެއް ނުދައްކާ ހުރި ފަރާތްތަކަށް މި ލޯނަށް ޝަރުތު ހަމަނުވާނެ ކަމަށް ވުޒާރާއިން ބުނެއެވެ. މި ލޯނު ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކޮށް، މަސްވެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ.