ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ވަޅިން ބިރުދައްކައި ފޭރުނު މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނިގޮތުގައި މި މައްސަލާގައި ދައުވާތައް ހުށަހަޅާފައިވަނީ ފެބްރުވަރީ 8 އަދި 26 ވަނަ ދުވަހުއެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ 27 އޮކްޓޯބަރ 2025 ދުވަހުގެ ފަތިހު 4:15 އެހައިކަށްހައިއިރުއެވެ. ބީއެމްއެލްގެ ދެ މުވައްޒަފަކު އެއަރޕޯޓްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވަނީ އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ސޫޓްކޭސްއެކެވެ. އޭގެ ތެރޭގައި 106,120 ޔޫއެސް ޑޮލަރާއި، ގިނަ އަދަދެއްގެ ޔޫރޯ، ޕައުންޑް، ޖަޕަނީސް ޔެން އަދި އެހެނިހެން ބޭރު ފައިސާގެ އިތުރުން ދިވެހި ރުފިޔާވެސް ހިމެނެއެވެ.

ދައުވާ ލިބޭ މީހުންނާއި ކުރެވޭ ދައުވާތައް

މި މައްސަލާގައި އެންމެ އިސްކޮށް އުޅުނު ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދުގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާގެ އިތުރުން، ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމާއި، އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއެވެ. ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށް ފޭރުމުގެ ދައުވާ އާއި ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމުގައި ބައިވެރިވުމުގެ ދައުވާ ވަނީ ކޮށްފައެވެ.

މީގެ އިތުރުން، ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ މީހުންނަކީ:
1. ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (ގއ. ވިލިނގިލި، ބިނާ)
2. ޙުސައިން ޝަހުދު (ކ. ގުރައިދޫ، އަޅިވިލާގެ)
3. މާޒިން މޫސާ (ލ. މާވައް، ރޭޝަމް)
4. އަޙްމަދު ރައިހާން ނަޢީމް (މ. ކޯރަސް)
5. އިބްރާހީމް އަނޫފް (ކ. ގުރައިދޫ، އަޅިވިލާގެ)
6. އިސްމާޢީލް ސިރްހާން (ރ. މަޑުއްވަރި، މީޒާން)

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މި މީހުންގެ މައްޗަށް ދައުވާކުރީ ފޭރުމުގެ އަމަލު ހިންގުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީ ކަމަށެވެ. އަދި މި އަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާލިބޭ މީހުންގެ އަތުން ހޯދުމަށްވެސް ވަނީ ހުށަހަޅާފައެވެ.