އިޒްރޭލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި، އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ އާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގައި ހުންނަވާ ސްޕެއިންގެ ސަފީރު އަނބުރާ ގައުމަށް ގެންދިއުމަށް ސްޕެއިން ސަރުކާރުން ނިންމައިފިއެވެ.

ސްޕެއިންގެ ރަސްމީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ވާގޮތުން، މި ނިންމުން ނިންމާފައިވަނީ ބުދަ ދުވަހުއެވެ. ސްޕެއިން އަކީ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ ތެރެއިން އިޒްރޭލުގެ އުދުވާނަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ އެއް ގައުމެވެ.

Ad
rt

ސަރުކާރުގެ ގެޒެޓުގައި ބަޔާންކޮށްފައިވަނީ، ޚާރިޖީ ވަޒީރާއި ޔޫރަޕްގެ އިއްތިހާދާއި އެއްބާރުލުމާ ބެހޭ ވަޒީރުގެ ހުށަހެޅުއްވުމުގެ މަތިން، 2026 މާރިޗު 10 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރުމަށްފަހު، އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެނާ މާރިއާ ސަލޮމަން ޕެރޭޒް އެ މަގާމުން ވަކިކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ސްޕެއިންގެ ޚާރިޖީ ވުޒާރާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަފީރު ވަކިކުރުމާ ގުޅިގެން ތެލް އަވީވްގައި ހުންނަ ސްޕެއިންގެ އެމްބަސީ ދެން ހިންގަވާނީ ޗާޖް ޑި އެފެއާޒް އެކެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކަކީ އެއްވެސް ބަލައިގަނެވޭނެ އުޒުރެއް ނެތް ހަމަލާތަކެއް ކަމަށް ވިދާޅުވެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ސަންޗޭޒް ވިދާޅުވީ ހަނގުރާމައާ މެދު މެޑްރިޑްގެ ސިޔާސަތަކީ އަބަދުވެސް "ހަނގުރާމައަށް ނޫނެކޭ ބުނުން" ކަމަށެވެ.

ސަންޗޭޒްގެ ސަރުކާރަކީ ގާޒާގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލަމުންދާ ސަރުކާރެކެވެ. އެގޮތުން، މިދިޔަ އޮކްޓޯބަރު މަހު ސްޕެއިންގެ ޕާލަމެންޓުން ވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުން މުޅިން މަނާކުރާ ގާނޫނެއް ފާސްކޮށްފައެވެ. މި ގާނޫނުގެ ދަށުން ހަތިޔާރާއި، ދެގޮތަށް ބޭނުންކުރެވޭ ޓެކްނޮލޮޖީ އަދި އަސްކަރީ އެއްވެސް ސާމާނެއް އިޒްރޭލަށް ވިއްކުން ވަނީ ދާއިމީކޮށް މަނާކޮށްފައެވެ.