ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުދި ރަށްރަށުގައި ވެސް ހިންގައި ދެއްވަމުން ކަމަށާއި، މަޝްރޫއުތައް އަވަސްކޮށް ހަލުއިކުރުމަށް ކައުންސިލުތަކުގެ މެޖޯރިޓީ ޕީއެންސީއަށް ދޭންޖެހޭކަމަށް ހދ. ނާވައިދޫ ކައުންސިލުގެ ރައީސް އަލީ ރަޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އަލީ ރަޝީދު އޭނާގެ ތަޖުރިބާއިން ވިދާޅުވީ ކައުންސިލުތަކުގެ މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ ކަމަށެވެ. ރަށްރަށުގައި ފަށާފައިހުރި ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަންޖެހޭ ކަމަށާއި މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރުމަށް ޕީއެންސީ މެޖޯރިޓީ ކައުންސިލުތަކަށް ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.

Ad
rt

މުޅި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވީ މާލެ ސަރަހައްދެކޭ އެއްފަދައިން އަތޮލު ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަވައިދެއްވަނީ އަދުގެ ރައީސް ކަމަށެވެ.

"އަޅުގަނޑުމެން އަތޮޅަކީ ވަރަށް ކުޑަ އަތޮޅެއް. އެހެން ނަމަވެސް ތަރައްގީގެ މަޝްރޫއުތަކަށް ބަލާނަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެބަ ހިންގައިދޭ. ހައުސިން ފްލެޓްތައް އެބަ އަޅާދޭ ކުދި ރަށްރަށުގައި ވެސް." ހދ ނާވައިދޫ ކައުންސިލުގެ ރައީސް އަލީ ރަޝީދު މުހައްމަދު

އޭޓީއެމްއާއި، ޕާކުތަކާއި، ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއިން ރަށްރަށަށް ބޮޑެތި ބަދަލު ތަކެއް ގެނަސްދެނީ މި ސަރުކާރުން ކަމަށާއި ޕީއެންސީއަށް ކައުންސިލުތަކުގެ މެޖޯރިޓީ ދޭންޖެހެނީ ކުދި ރަށްރަށަށް މިފަދަ ތަރައްގީ ގެނަސްދެއްވާތީ ކަމަށް ވިދާޅުވި އެވެ.

ހދ ނާވައިދޫ ކައުންސިލުގެ މިހާރުގެ ވެސް ރައީސް އަދި ކުރިއަށް އޮތް ދައުރުގައި ކުރިމަތިލައްވާފައިވާ އަލީ ރަޝީދުވަނީ ރައްޔިތުން އޭނާއާއެކު ޕީއެންސީގެ ކައުންސިލަރުން ހޮވައިދީފި ނަމަ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.