ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 7،000 ވޭޕް ސްޓިކް މޯލްޑިވްސް ކަސްޓަމުން އަތުލައިގަނެފައި ވާކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އެކި ބަހާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ.
އެގޮތުން ރާއްޖެއަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ފަހުގެ މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ ދުންފަތާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ވޭޕް ވިއްކުމާއި، ބޭނުންކުރުމުގެ އިތުރަށް ވޭޕްއާއި، އެއާ ގުޅުންހުރި ސާމާނު ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާއިރު ފާއިތުވީ ދޮޅު މަހުގެ ތެރޭގައި ވަގަށް އެތެރެކުރަނިކޮށް 7،000 ވޭޕް ސްޓިކް އަތުލައިގެންފައި ވާކަމަށެވެ.
އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އެތެރެކުރަނިކޮށް އަތުލައިގެން ސިނގިރޭޓު ވެސް ހިމެނެ އެވެ.
"ދިވެހިރާއްޖެއަށް ގަނޫނާ ގަވާއިދާ ހިލާފަށް އެތެރެކުރަމުންދާ ތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާ ތަކެތި ހިފެހެއްޓުމަށް ކަސްޓަމްސްއިން ދަނީ ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތަކެއް ހިންގަމުން. މި މަސައްކަތުގެ ތެރެއިން ފާއިތުވީ ދޮޅު މަހުގެ ތެރޭގައި ވަނީ 7،000 ވޭޕް ސްޓިކް ވަނީ އަތުލައިގެންފައި. އަދި އޭގެ އިތުރުން ދެ މިލިއަނެއްހާ ސިނގިރޭޓު ވެސް ވަނީ އަތުލައިގެންފައި. " ވަޒީރު ވިދާޅުވި އެވެ.
ޤާނޫނަށް އިޞްލާޙު ގެނެސް، ވޭޕް ވިއްކުމާއި، ބޭނުންކުރުމާއި ވޭޕްއާ ގުޅުންހުރި ތަކެތި މަނާކުރީ 2024 ނޮވެމްބަރު 15 އިން ފެށިގެންނެވެ. ދުންފަތް މަނާކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ވަގަށް އެތެރެކުރަމުން އަންނަ ސިނގިރޭޓު އަތުލައިގަތުމަށް މީގެ ކުރިންވެސް ކަސްޓަމްސް އިން ވަނީ ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!