ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، ދުބާއީ ހިމެނޭހެން އެ ގައުމުގެ އެކި ސަރަހައްދުތަކަށް މިސައިލްގެ ނުރައްކާ އޮތް ކަމުގެ ކުއްލި އިންޒާރު ނެރެފިއެވެ.

2026 މާޗް 5 ވީ ބުދަ ދުވަހުގެ ހަވީރު، ޔޫ.އޭ.އީ ގެ ދިފާއީ ވުޒާރާ އާއި ގައުމީ ކުއްލި ނުރައްކަލާ ބެހޭ އިދާރާ ގުޅިގެން ވަނީ ރައްޔިތުންނާއި ޒިޔާރަތްތެރިންގެ ފޯނުތަކަށް ސީދާ ކުއްލި އިންޒާރުގެ މެސެޖުތައް ފޮނުވާފައެވެ.

Ad
rt

ބާރު ސައިރަންގެ އަޑާއެކު ފޮނުވި މި އިންޒާރުގައި، ހުރިހާ ފަރާތްތަކުން ވެސް ވަގުތުން ރައްކާތެރި ހިޔާވަހިކަމެއް ހޯދުމަށާއި، ކުޑަދޮރުތަކާ ދުރުގައި ތިބުމަށް ވަނީ އަންގާފައެވެ. އަދި ވައިގެ ދިފާއީ ނިޒާމުން ހަމަލާތައް ހުއްޓުވާ މަންޒަރުތައް ފޮޓޯ ނެގުމަށް މަގުމަތީގައި އުޅަނދުތައް ހުއްޓާ ނުލުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ ހަރުކަށިކޮށް ނަސޭހަތްތެރިވެފައެވެ.

ޔޫ.އޭ.އީ ގެ ވައިގެ ދިފާއީ ނިޒާމުތައް ކަމަށްވާ ތެހާޑް އާއި ޕެޓްރިއޮޓް ބެޓަރީތައް ބޭނުންކޮށްގެން، ކުރިން ފޮނުވާލި ބެލިސްޓިކް މިސައިލްތަކުގެ ތެރެއިން 6 މިސައިލެއް ވަނީ ވައިގެ ތެރޭގައި ހުއްޓުވާފައެވެ. މީގެ އިތުރުން، ފޮނުވާލި 131 ޑްރޯންގެ ތެރެއިން 125 ޑްރޯން ވައިގެ ތެރޭގައި ގޮއްވާލައި ހަލާކުކޮށްލާފައިވާ ކަމަށް ދިފާއީ ވުޒާރާއިން ބުނެއެވެ.

މި ހަމަލާތަކުގައި ބައެއް މީހުންނަށް އަނިޔާވެ، ފުރާނަ ގެއްލިފައިވާކަން ވެސް ވަނީ ކަށަވަރުވެފައެވެ. އެގޮތުން އަބޫދާބީގެ ސިނާއީ ސިޓީ އަށް ވެއްޓުނު ޑްރޯންގެ ބައިތަކުގެ ސަބަބުން ޕާކިސްތާނާއި ނޭޕާލަށް ނިސްބަތްވާ 6 މީހަކަށް އަނިޔާވިއެވެ. ފެބްރުއަރީ 28 ގައި އިރާނުން ފެށި ބަދަލުހިފުމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް ޔޫ.އޭ.އީ އިން ތިން މީހަކު ނިޔާވެފައިވާ އިރު، އެއީ ޕާކިސްތާން، ނޭޕާލް އަދި ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ހަމަލާތައް ހުއްޓުވި ނަމަވެސް، ވެއްޓުނު ބައިތަކުގެ ސަބަބުން ބައެއް ތަންތަނަށް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން ބުރުޖް އަލް އަރަބް ކައިރިއަށް މިސައިލްގެ ބައިތައް ވެއްޓިފައިވާ އިރު، ޖަބަލް އަލީ ބަނދަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާލަތާ ގުޅިގެން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. މީގެ ސަބަބުން ގިނަ ފްލައިޓްތަކެއް ކެންސަލްކޮށް، ބައެއް ދަތުރުތައް ވަނީ އެހެން އެއާޕޯޓްތަކަށް ބަދަލުކޮށްފައެވެ.