މިދިޔަ ސަރުކާރު ނިމުނު އިރު ކަސްޓޯޑިއަލް އިންފްރާސްޓްރަކްޗާ ވަނީ ދުއްވާލާފައި ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ދުގެ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު އެންމެ ބޮޑު ގޮންޖެހުމަކަށްވެފަ އޮތް ކަމަކީ ޖަލުތަކުގައި ގައިދުކުރާނެ ޖާގަ ނެތުން ކަމަށެވެ. އަދި ކުރިން ރަނގަޅަށް ހިނގަހިނގާ ހުރި މާލޭ ޖަލާއި، ކަސްޓޯޑިއަލް ފެސިލިޓީ، ނިމުނު ސަރުކާރުން ބަންދުކޮށްފައިވާކަން ފާހަގަކުރައްވާ ވަޒިރު ވިދާޅުވީ 100 މީހުންގެ ޖާގައިގެ ޖަލެއްވެސް ކުރީ ސަރުކާރުން ތަޅާލާފައިވާ ކަމަށެވެ.
''އެކީ ޖުމްލަ ގާތްގަނޑަކަށް 450 މީހުން ގައިދުކުރުމުގެ ޖާގަ ކަރެކްޝަންސްގެ އަދި ކަސްޓޯޑިއަލް އިންފްރާސްޓްރަކްޗަރގެ ތެރެއިން ވަނީ ދުއްވާލާފަ. މި ގެއްލުނު ޖާގަތަކުގައި ތިބި ގައިދިން އޭރު ވަނީ ދޫކޮށްލާފަ. މި މީހުންގެ ތެރެއިން އަނބުރާ ޖަލަށް ގެންނަން ޖެހޭ މީހުން ނުގެނެވިގެން އުޅޭ މައިގަނޑު ސަބަބަކީވެސް މި ދެންނެވި އިންފްރާސްޓްރަކްޗަރ ނެތުން. ނަމަވެސް މިހާރު 400 އެއްހާ ޖާގަ ވަނީ އިތުރުކޮށްފަ. އޭރު 100 މީހުންގެ ގޮޅިއެއް ހެދުމަށް 39 މިލިޔަން ރުފިޔާ ހޭދަ ކުރި. މިދިޔަ 4 މަހު ކުރި ބުރަ މަސައްކަތުން 100 މީހުންގެ ޖާގަ ހުޅުމާލޭގައި މިވަނީ ހެދިފައި. 5 މިލިޔަންގެ ބަޖެޓަކުން އެކަން ކުރެވިއްޖެ.'' ވަޒީރު ވިދާޅުވެފަވެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިން ޚިދުމަތް ދެމުން އައީ އެކިއެކި މަރުކަޒުތައް މެދުވެރިކޮށް ކަމަށާއި މިހާރު ވަން ސްޓޮޕް ސެންޓަރެއް ހެދި ކަރެކްޝަންސްގެ ފްރަންޓް އޮފީސް މެދުވެރިކޮށް އެއްތަނަކުން ޚިދުމަތް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 'މައިއެމްސީއެސް' ޕޯޓަލްއަކީ ކުރިން ބޭނުންކުރަމުންދިޔަ އީ-ސަރވިސް ޕޯރޓަލްގެ އިތުރަށް ޒަމާނީކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯރޓަލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
'މައިއެމްސީއެސް' ޕޯރޓަލްއަށް އީ-ފާސް ބޭނުންކޮށްގެން ލޮގް އިން ކުރުމަށްފަހު، ކުށުގެ ރެކޯޑް ސާފުކުރުމަށް އެދުމާއި، ވަކީލުންނާއި ޢާއިލާތަކުން ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އެދުމާއި، ވަޒީފާއަށް އެދުމުގެ އިތުރުން ޤައިދީންނަށާއި ބަންދުމީހުންނަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. މި ޕޯޓަލް، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވުމުން، އިދާރީގޮތުން ކުރާންޖެހޭ މަސައްކަތްތައް އަވަސްވެގެންދާނެއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ޕޯޓަލަކީ ކުރިމަގުގައި އާޓިފިޝަލް އިންޓެލިޖެންސް (AI) ފަދަ ވަސީލަތްތައް ބޭނުންކުރެވޭނެ ވަރުގަދަ ބިންގަލެއްގެ މަތީގައި ބިނާކޮށްފައިވާ ނިޒާމެކެވެ.
މި ސިސްޓަމްގެ ސަބަބުން ޤައިދީންނާއި ބަންދުމީހުންގެ މައުލޫމާތުތައް މަރުކަޒީ ނިޒާމަކުން ބެލެހެއްޓުމަށް ގާއިމުކުރެވޭ މި ޑިޖިޓަލް ނިޒާމުގެ ސަބަބުން، ގައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ހުރިހާ މަޢުލޫމާތުތަކެއް އެއް ވިއުގައަކުން ފެންނަން ހުންނާނެއެވެ. އަދި މަޢުލޫމާތުތައް ފުށުއެރުމުގެ މައްސަލަތަކަށް ހައްލު ލިބި، ކޯޓުތަކާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ދިވެހި ފުލުހުންގެ ޙިދުމަތް ފަދަ ކަމާގުޅުންހުރި އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ވަގުތުން ފޯރުކޮށްދެވި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އަވަސްވެގެން ދާނެއެވެ. އަދި މި ނިޒާމުގެ ތެރެއިން ޤައިދީންނާއި ބަންދުމީހުންގެ މެޑިކަލް އަދި ޕަރސަނަލް ފައިލްތައް ޑިޖިޓަލައިޒް ކުރެވި، މިހާރު މަސައްކަތްތަކަށް ހޭދަވާ ވަގުތު ކުޑަކުރެވިގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!