ދާޚިލީ ވަޒީރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި އަންހެން ދަރިފުޅުގެ ވީޑިއޯއެއް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި ކަމަށް ތުހުމަތުވާ މައްސަލައިގައި އެ ދެމީހުންނާ ދެކޮޅަށް ހެކި އެބަހުރިކަމަށާއި އެހެން ނަމެވެސް ދައުވާކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މި މައްސަލައަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މައްސަލަ ފެންމަތިކުރީ 10 އަހަރުގެ ދަރިފުޅުގެ ވީޑިއޯއެއް ނެގުމުން ކަމަށެވެ. ވަޒީރު ވިދާޅުވީ އެ ފޮޓޯ ނަގައިގެން ދައުރު ކުރީ ދާހިލީ ވަޒީރަކަށް ހުންނަވާތީ ވަޒީރެއްގެ ހައިސިއްޔަތުން ދޭ ސެކިއުރިޓީއާއި އަދި އެ ސެކިއުރިޓީ އާއިލާއަށް ފޯރުކޮށްދެމުންދާތީ، އެކަމާ ކަންބޮޑުވެގެން ކަމަށެވެ.

Ad
rt

ދިވެހި ދައުލަތުގެ ރަސްމީ ފަރާތަކަށް، ދިވެހި ފުލުހުންގެ ފަރާތުން ސެކިއުރިޓީ އެސެސްމަންޓު ހަދައި، އެ ހިދުމަތުން ފޯރުކޮށްދެމުންދާ ސެކިއުރިޓީ ހިދުމަތަކާ ގުޅިގެން ސުވާލު އުފެދޭނަމަ އެ ހިދުމަތާ ސުވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވަޒީރު ވިދާޅުވި އެވެ.

"ކުރެވުނީ ކުށެއްކަމަށް ގަބޫލުކުރަންވީ، ގޯސްކަމެެއްކަން ގަބޫލުކުރަންވީ. އުމުރުން 50 ނުވަތަ 60 އަހަރަށް ދާ ފިރިހެނުން ތުއްތު ކުދިންގެ ވިޑިއޯ ތައް ނަގައިގެން ގޮތް ނޭނގޭ އެކައުންޓުތަކުގައި ދައުރުކުރަނީ. ދެން ކާކުތޯ އެފަދަ އެކައުންޓުތަކަށް އެ ވީޑީއޯ ނުވަތަ ފޮޓޯ ފޮނުވީ. އަޅުގަނޑަކަށް ނޭނގޭ. ނުވެސް ބަލަން. އެކަމަކު އެކަން ކުރި މީހާ ސާފު. އެހެންވީމަ އެ މީހުންނަށް އެނގޭނެ ކޮން އެކައުންޓަކަށް ކަން ފޮނުވީ. ކިހިނެތްތޯ ދައުރުކުރީ. އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލާކަށް ވެސް އަޅުގަނޑު ނެތިން. އެބޭފުޅުންގެ މައްސަލައެއް އުޅެންޏާ އެބޭފުޅުން ދާންވީ. އަޅުގަނޑު ޖަވާބުދާރީ ވާނަން. " އިހުސާން ވިދާޅުވި އެވެ.

އަކުރަމާއި އިބްރާހިމް ވަހީދު މަގުމަތީގައި ތިއްބަވައިގެން، ފޯނުން ވީޑިއޯ ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖަކާ އެކު މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަޒީރު ވަނީ މި މައްސަލަ ފެންމަތިކުރައްވާފަ އެވެ.

ވީޑިއޯއާ އެކު ކުރެއްވި ޕޯސްޓުގައި ވަޒީރު ވިދާޅުވީ މި ފުޓޭޖުން ފެންނަނީ ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ މީހުން ވެއްޓިފައިވާ ދަށު ދަރަޖަ ކަމަށެވެ. އަދި ޒަމާނުންސުރެ އެމްޑީޕީއަކީ މުޖުތަމައު ބައިބައިކުރުމާ، ދަށު ދަރަޖައިގެ ސިޔާސީ ޢަމަލުތައް ހިންގާ ޕާޓީއެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.