ރާއްޖެ އިން ފޯޅަވަހި ހޯދުމުގެ މަސައްކަތް ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި މޮރިޝަސްއިން ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލިޔަސް ރާއްޖެއިން ފަހަތަށް ޖެހެން ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެކު ރާއްޖެ އިން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ރާއްޖެއިން ފަހަތަށް ޖެހެން ނުޖެހޭކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މި މެސެޖުގެ އިތުރުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ހާރިޖީ ގުޅުން ކަނޑާލުމަށް މޮރިޝަސް އިން ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
ނަޝީދު ވިދާޅުވީ، މޮރިޝަސް ފަދަ އަވަށްޓެރި ގައުމަކުން ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ކަނޑާލުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކަށް މަޝްވަރާގެ މޭޒުގެ ދަށުން ސުލްހަވެރި ހައްލެއް ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމައި އެ ތަން ހައްގުވަނީ ރާއްޖެއަށް ކަމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރަމުން ދަނިކޮށް މޮރިޝަސް އިން ރާއްޖެއާއެކު އޮތް ހުރިހާ ޚާރިޖީ ގުޅުމެއް ކަނޑާލަން ނިންމީ އިއްޔެ އެވެ.
މޮރިޝަސްގެ މި ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!