އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުވާލި ކަނޑުގެ ސަރައްހައްދާއި ފޯޅަވަހި ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ކޮންގްރެސް ޕާޓީ އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ފޯޅަވަހީގެ މައްޗަށް ރާއްޖެއިން ކުރަމުންދާ ސިޔާދަތީ ދައުވާގެ ބާރު ބައިނަލްއަގުވާމީ މަސްރަހުގައި އިތުރުވެ، އިނގިރޭސިވިލާތުގެ ސިޔާސީ ލީޑަރުންގެ ފަރާތުން ރާއްޖެއަށް ތާއީދު ލިބެން ފެށުމާއެކު މޮރިޝަސްއިން ރާއްޖެއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމާ ގުޅިގެން ނެވެ.
ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފޮނުވި ސިޓީ އަކުން ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބަޔާއި ފޯޅަވަހި ހޯދުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގައި ކުރިމަތި ވެވަޑައިގަންނަވާ ކޮންމެ ގޮންޖެހުމަކަށް ރައީސާއެކު ކުރިމަތިލުމަށް ކޮންގްރެސް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް އޮތީ ސާބިތުކަމާ އެކުގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް އިސްވާނީ މިޤައުމު. ދިވެހިރާއްޖެ. " -ޝުޖައު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ހަވާލާދީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭގޮތަށް، ޤާނޫނުގައި މިހާރުވެސް ކަނޑައަޅައިފައިވާ ސަރަހައްދު ކަމަށް ނިންމައި، އެކަން ރައީސް އިއުލާނުކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ނެވެ. އަދި ރައީސް ވަނީ ރާއްޖެއާއި ފޯޅަވަހީގެ މެދުގައި އޮތް ގުޅުންތައް ފާހަގަކުރައްވައި އެ ސަރަހައްދުގެ މައްޗަށް ރާއްޖެއަށް ސިޔާދީ ހައްގު އޮތްކަމަށް ދިވެހި ސަރުކާރުން ދެކޭކަން އިނގިރޭސި ސަރުކާރަށް އަންގަވާފަ އެވެ.
މިކަމާ ގުޅިގެން މޮރިޝަސް އިން އިއްޔެ ވަނީ ރާއްޖެއާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމަށް ނިންމައި އެކަން ހާމަކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!