ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސް ޖަލުގައި ހުރެ އިސްލާމްވެއްޖެ އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު، 2021 މޭރީ މަރާލި އޭނާގެ ކަރަށާއި ބޮލަށް ދިން ހަމަލާތަކެއްގަ އެވެ.
އެ މައްސަލާގައި މާވިންގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރާއިރު މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން ކުރެ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ މިހާރު ބައްލަވާ ގާޒީ ވިދާޅުވީ މާވިން އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް އަންގާފައިވާ ކަމަށެވެ.
ދައުލަތުން ބުނީ މާވިން އިސްލާމްވެފައިވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އަދަބަށް ބަދަލު އަންނާނެތޯ މަޝްވަރާ ކުރުމަށްފަހު ދައުލަތުން އެކަން ހާމަކުރާނެ ކަމަށް ވަކީލް ނައުފަލް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ލަމްހާ ވެސް ޖަލުގައި ހުރެގެން ބައިވެރިވި އެވެ. އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ މައްސަލާގައި ދެން އޮންނާނީ ހުލާސާ ބަޔާން ހުށަހެޅުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!