އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad
rt

މި ދަތުރުފުޅާ ގުޅޭގޮތުން މޯދީ ވިދާޅުވީ، އިންޑިއާއާއި އިޒްރޭލާ ދެމެދު އޮތީ ވަރުގަދަ އަދި ގިނަ ދާއިރާތަކެއް ހިމެނޭ އިސްތިރާތީޖީ ބައިވެރިވުމެއް ކަމަށެވެ. އަދި ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެފައިވާކަންވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

ދަތުރުފުޅުގެ ތެރެއިން މޯދީ، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގްއާވެސް މޯދީ ބައްދަލުކުރައްވާނެއެވެ.

މިރޭގެ ވަގުތެއްގައި މޯދީ އިޒްރޭލުގެ ޕާލަމެންޓް، ކްނެސެޓްގައި ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަރުލަމާނީ އަދި ޑިމޮކްރެޓިކް ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ބޮޑުވަޒީރު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އިޒްރޭލުގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާވެސް މޯދީ ބައްދަލުކުރައްވާނެއެވެ. މޯދީ ވިދާޅުވީ، އިންޑިއާ އާއި އިޒްރޭލުގެ އެކުވެރިކަން ބަދަހިކުރުމުގައި އެ ޤައުމުގައި އުޅޭ އިންޑިއާ މީހުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.