މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށް ލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހުކުމް އިއްވާފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން. ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ) ގެ މައްޗަށެވެ.
2026 ފެބުރުވަރީ 24 ވަނަ ދުވަހު ކޯޓުން ކުރި މި ހުކުމުގައި ޢަބްދުލްބާސިޠު 75 އަހަރަށް ޖަލަށް ލުމުގެ އިތުރުން، 3 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެކަމުން ހޯދާ ފައިސާ މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ.
ޢަބްދުލްބާސިޠު ހައްޔަރުކޮށްފައިވަނީ 2024 އޭޕްރީލް 27 ވަނަ ދުވަހުއެވެ. އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ޖޫން 11 ވަނަ ދުވަހުއެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ޢަބްދުލްބާސިޠުގެ ބޭންކު އެކައުންޓުތަކުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާއާއި 19,000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ކޮށްފައިވެއެވެ. މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ. މި އޮޕަރޭޝަނާ ގުޅިގެން ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ ނެޓްވޯކަކާ ގުޅުންހުރި 174 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، 188 މައްސަލައެއް ވަނީ ތަހުގީގުކޮށްފައެވެ.
މި މައްސަލައިގައި ލިބުނު ކާމިޔާބީއަކީ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއާމަންޓްގެ ދަށުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ދެކެއެވެ. ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިން އެއްބާރުލުން ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!