މާލޭގެ ތަރައްގީއަށް އެމްޑީޕީން ކޮށްދިން އެއްވެސް ކަމެއް ނޯންނާނެ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
އައިފާން މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީން ރާއްޖޭގެ މީޑިއާތަކުގެ ޒަރީއާއިން ކުރިއަށްގެންދާ ކެމްޕެއިން ޕްރޮގުރާމް ދިވެހީންގެ ރާއްޖެ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ.
އައިފާން ވިދާޅުވީ އިދިކޮޅު މޭޔަރު އާދަމް އާޒިމް މިއަދު ވެސް ތަންފީޒުކުރައްވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ތައްޔާރުކުރި ލޭންޑް ޔޫސް ޕްލޭންކަމަށެވެ. އައިފާނު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ކައުންސިލަކުން ތައްޔާރުކުރި އެންމެ ފުރިހަމަ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އެމަނިކުފާނު ކަމަށެވެ. އެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްފައިވަނީ ގިނަ އަދަދެއްގެ ރައްޔިތުންނާ މަޝްވަރާކޮށް އެބޭފުޅުންގެ ހިޔާލު ހޯދައިގެން ކަމަށް އައިފާން ވިދާޅުވި އެވެ.
"މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކޮށް، އިސްރައްވެހިންނާއި، ކަނބަލުންނާއި، އެންޖީއޯސްތަކާ ބައްދަލުކޮށް އެބޭފުޅުންގެ ހިޔާލާއި މަޝްވަރާގެ މަތިން ތައްޔާރުކުރި ފުރިހަމަ ލޭންޑް ޔޫސް ޕްލޭނެއް އެއީ. މިއަދުވެސް ތަންފީޒު ކުރަނީ އެ ޕްލޭންގައިވާ ކަންކަން. އާދަމް އާޒިމް ނުވަތަ އެމްޑީޕީން ކުރި އެއްކަމެއް ވެސް ނޯންނާނެ. " އައިފާން ވިދާޅުވިއެވެ.
އާޒިމްއަށް މިކަން ދޮގު ނުކުރެވޭނެކަމަށާއި އަދި ކިތަންމެ ވަރަކަށް ހަގީގަތް އޮޅުވާލަން އުޅުނަސް އެކަން ގާބުލުކުރާނެ ދިވެހި ރައްޔިތަކު ވެސް ނެތް ކަމަށް އައިފާން ވިދާޅުވިއެވެ.
އައިފާން ވިދާޅުވީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެވޭނެ ވެރިޔަކީ ރައީސް މުއިއްޒުކަން އެ ރައްޔިތުން ވެސް މިއަދު ގަބޫލުކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!