ހދ. މަކުނުދޫ ކައުންސިލްގެ "ސުޕީރިއަރ އެކްސަލެންސް އެވޯޑް 2025" އެ ކައުންސިލްގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ނާޒްނީން އަބްދުލް އަލީމަށް ލިބިއްޖެއެވެ.
ނާޒްނީން އަށް މި އެވޯޑް ދީފައި ވަނީ އެ ކައުންސިލްގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި "ސްޓާފް އެންޑް އެވޯޑް ނައިޓް 2026" ގައެވެ.
މަކުނުދޫ ކައުންސިލުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި، މިއީ އެޑްމިން ސްޓާފުންގެ ތެރެއިން މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ނުވަތަ ޕާފޯމަންސް އެޕްރައިޒަލުން މުޅި އަހަރު ދުވަހު އެންމެ މަތީ ނަތީޖާއެއް ހާސިލުކުރި މުވައްޒަފަށް ދެވޭ ޚާއްޞަ އެވޯޑެކެވެ.
މި އެވޯޑާއެކު ނާޒްނީންއަށް ވަނީ ހެޔޮއެދޭ ފަރާތަކުން ސްޕޮންސަރ ކޮށްފައިވާ އިންޑިއާގެ ދެކޮޅު ޓިކެޓާއި ފަސް ދުވަހުގެ ހުރުން ހިމެނޭ ވައުޗަރެއް ހަވާލުކޮށްފައެވެ.
އިތުރު ބައެއް އެވޯޑްތައް
މި ހަފްލާގައި ކައުންސިލްގެ އެހެން ބައެއް މުވައްޒަފުންގެ މަސައްކަތްތައް ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން "ވިޒިނަރީ އެމްޕްލޯއީ އެވޯޑް 2025" އެސޯސިއޭޓް ކައުންސިލް އޮފިސަރ ޔާމީން އަބްދުލް ލަތީފަށް ލިބިފައިވާއިރު، "ވިޒިނަރީ ލީޑަރ އެވޯޑް 2025" ހާސިލުކުރީ ސީނިއަރ ކައުންސިލް އޮފިސަރ ނަޝްވާ އަޙްމަދު ފައިސަލްއެވެ.
މީގެ އިތުރުން ވެސް ތަފާތު އެކި ދާއިރާތަކުން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑްތައް ދީފައިވެއެވެ. އޭގެ ތެރޭގައި އެޓެންޑަންސް އެކްސަލެންސް އެވޯޑް، އެކްސަލެންސް އިން ޕާފޯމަންސް އެވޯޑް، މައިލްސްޓޯން އެޗީވްމަންޓް އެވޯޑް، އަދި ޑެކޭޑް އޮފް ޑެޑީކޭޝަން އެވޯޑް ހިމެނެއެވެ.
މި ހަފްލާގައި ލެގަސީ އޮފް ލީޑަރޝިޕް އެވޯޑާއި ސަޕޯޓް އެކްސަލެންސް އެވޯޑް ވެސް ވަނީ ބައެއް މުވައްޒަފުންނަށް އަރުވާފައެވެ. މަކުނުދޫ ކައުންސިލުން ބުނީ މި އެވޯޑް ނައިޓަކީ ވޭތުވެދިޔަ އަހަރު ކައުންސިލަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދިން މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް، މުވައްޒަފުންގެ މެދުގައި ހިތްވަރު އާކުރުމުގެ މަގްސަދުގައި ބޭއްވި ހަރަކާތެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!