ހދ. މަކުނުދޫ ކައުންސިލްގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި "ސްޓާފް އެންޑް އެވޯޑް ނައިޓް 2026" ގައި، އެ ކައުންސިލްގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ "ވިޒިނަރީ އެމްޕްލޯއީ އެވޯޑް 2025" އެސޯސިއޭޓް ކައުންސިލް އޮފިސަރ ޔާމީން އަބްދުލް ލަތީފް ހާސިލުކޮށްފިއެވެ.

މަކުނުދޫ، ޕާލް، ޔާމީން އަބްދުލް ލަތީފަށް މި އެވޯޑާއެކު އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ހެޔޮއެދޭ ފަރާތަކުން ސްޕޮންސަރ ކޮށްފައިވާ އަޒަރުބައިޖާންގެ ދެކޮޅު ޓިކެޓާއި ފަސް ދުވަހުގެ ހުރުމުގެ ވައުޗަރެކެވެ. މި އެވޯޑަކީ ކައުންސިލްގެ މުވައްޒަފުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރާ މުވައްޒަފުންނަށް ދެވޭ އެންމެ މަތީ އެއް ޝަރަފެވެ.

Ad
rt

އެވޯޑަށް މުވައްޒަފުން ހޮވި މިންގަނޑު

މަކުނުދޫ ކައުންސިލުން ބުނިގޮތުގައި މި އެވޯޑަށް މުވައްޒަފުން ހޮވުމުގައި ވަކި ހާއްސަ މިންގަނޑުތަކަކަށް ވަނީ ބަލާފައެވެ. އޭގެ ތެރޭގައި އަހަރުގެ ތެރޭގައި އެއްވެސް އިސްލާހީ ފިޔަވަޅެއް އެޅިފައި ނުވުމާއި، މަސައްކަތަށް ހާޒިރުވުމުގައި ގަޑިއަށް ކަމޭހިތުމާއި ފަރުވާތެރިވުން ހިމެނެއެވެ.

މީގެ އިތުރުން، 'ކްލިކްއަޕް' ސޮފްޓްވެއަރ މެދުވެރިކޮށް ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކޮށްފައިވާ މިންވަރަށާއި، 'ޕާފޯމަންސް އެޕްރެއިޒަލް' އިން އެންމެ މަތީ ނަތީޖާއެއް ހާސިލުކޮށްފައިވުމަކީ ވެސް މި އެވޯޑަށް މުވައްޒަފުން ހޮވުމުގައި ބަލާފައިވާ މުހިންމު މިންގަނޑުތަކެކެވެ.

މަކުނުދޫ ކައުންސިލްގެ "ވިޒިނަރީ އެމްޕްލޯއީ އެވޯޑް 2025" ގެ ގިފްޓް ވައުޗަރ އާއި ޔާމީން ހަވާލުވަނީ، ފޮޓޯ: މަކުނުދޫ ކައުންސިލް

އިތުރު އެވޯޑްތަކާއި އަގުވަޒަންކުރުން

މި ހަފްލާގައި ވިޒިނަރީ އެމްޕްލޯއީ އެވޯޑްގެ އިތުރުން އެހެނިހެން ދާއިރާތަކުން ވެސް މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑްތައް ދީފައިވެއެވެ. އޭގެ ތެރޭގައި އެޓެންޑަންސް އެކްސަލެންސް އެވޯޑް، އެކްސަލެންސް އިން ޕާފޯމަންސް އެވޯޑް، މައިލްސްޓޯން އެޗީވްމަންޓް އެވޯޑް، އަދި ޑެކޭޑް އޮފް ޑެޑީކޭޝަން އެވޯޑް ހިމެނެއެވެ.

މީގެ އިތުރުން ލެގަސީ އޮފް ލީޑަރޝިޕް އެވޯޑާއި، ސަޕޯޓް އެކްސަލެންސް އެވޯޑް އަދި ސުޕީރިއަރ އެކްސަލެންސް އެވޯޑް ވެސް މި ހަފްލާގައި ވަނީ ބައެއް މުވައްޒަފުންނަށް އަރުވާފައެވެ. މިއީ ވޭތުވެދިޔަ އަހަރު ކައުންސިލަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދިން ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.