ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޑޮލަރަށް އެދި ހުށަހެޅޭނެ އާ ފީޗާއެއް އެ ބޭންކުން މިއަދު ތައާރަފުކޮށްފިއެވެ.
މި ޚިދުމަތާއެކު ކަސްޓަމަރުންނަށް އެޕް މެދުވެރިކޮށް ޑޮލަރު ގަތުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ބީއެމްއެލުން ބުނި ގޮތުގައި މި އާ ފީޗާގެ ސަބަބުން ޑޮލަރަށް އެދި ހުށަހަޅާ އެޕްލިކޭޝަންގެ ސްޓޭޓަސްވެސް ކަސްޓަމަރުންނަށް ވަގުތުން ބަލައިލެވޭނެއެވެ. މިއީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި ލުއިފަސޭހަ ޚިދުމަތެކެވެ.
އާސަންދަ ނުވަތަ އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 2,000 ޑޮލަރާ ހަމައަށް ބީއެމްއެލް އިން ޑޮލަރު ވިއްކަމުން އަންނައިރު، އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދާ ފަރާތްތަކަށް 1,000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކައެވެ.
ބޭންކުން އިތުރަށް ބުނެފައިވަނީ، އެޕް މެދުވެރިކޮށް ގަންނަ ޑޮލަރު ސީދާ ޖަމާކޮށްދޭނީ އެދިހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށެވެ.
މީގެ ސަބަބުން ބޭންކަށް ހާޒިރުނުވެ، ގޭގައި ތިބެގެން ޑޮލަރުގެ މުއާމަލާތްތައް ނިންމާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!