ސަރުކާރަށް ކައުންސިލް އިންތިހާބު ލިބިއްޖެނަމަ ލާމަރުކަޒީ ނިޒާމު ފުނޑާލާނެކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި އެމްޑީޕީއަކީ "ދިވެހި އިގްތިސާދު ދޮލަނގަކަށް ލައިގެން ވިއްކަން ނިކުތް ބައެއް" ކަމަށް އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީން ރާއްޖޭގެ މީޑިއާތަކުގެ ޒަރީއާއިން ކުރިއަށްގެންދާ ކެމްޕެއިން ޕްރޮގުރާމް "ދިވެހީންގެ ރާއްޖެ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

ސައީދު ވިދާޅުވީ މިހާހިސާބަށް އައިއިރު ގައުމުގެ ކަންކަން ގޯސްވެފައި ހުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މެޖޯރިޓީ ދިނުމުގެ ސަބަބުން ކަމަށެވެ.

ސަރުކާރު ޖަވާބުދާރީކުރުވުމަށް ކައުންސިލުތަކުގެ މެޖޯރިޓީ ބޭނުންވާކަމަށް ބުނެ އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ވަޒީރު ވިދާޅުވީ ޑިމޮކްރަސީއެއްގައި ޒިންމާދާރު ހަރުދަނާ އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު ކަމަށާއި ނަމަވެސް އެމްޑީޕީއަށް ސަރުކާރު ޒިންމާދާރު ނުކުރެވެނީ މެޖޯރިޓީ ނެތިގެން ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ލީޑަރޝިޕްގައި ހިންގުމުގެ ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ގައުމުގެ ހާލަތު ވަރަށް ދަށްކަން ފާހަގަކުރައްވައި ވަޒީރު ވަނީ ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަންކަން ކުރައްވަނީ ގައުމަށް މި ދަނޑިވަޅަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.

ގައުމުގެ މާލީ ހާލަތު 2024 ވަނަ އަހަރު އޮތް ގޮތާއި މިއަދު އޮތް ގޮތާއި އަޅާކިޔާލައިފިނަމަ ރައީސްއަކީ ނަތީޖާ ނެރެދެެއްވާ ވެރިޔަކު ކަމާއިމެދަކު ރައްޔިތުން ޝައްކު ނުކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ މާލީ ހާލަތުން ސަލާމަތްވެ ރައީސްގެ ވައުދުފުޅުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރަށް ވަރަށް މުހިންމު ކަމަށެވެ.

ސައީދު މިފަދައިން ވިދާޅުވި އިރު މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރު ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ހުރިކަމަށާއި، އޭގެ ތެރެއިން 300 މިލިއަން ޑޮލަރު ހުރީ ބޭނުންކުރެވޭ ގޮތަށްކަން މިފަހުން އާއްމުކުރި މަރުކަޒީ ބޭންކު- އެމްއެމްއޭގެ ހިސާބުތަކުން ވަނީ ދައްކާފައެވެ. އަދި ސޮވްރިން ޑިވެލޮޕްމަންޓު ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު އިތުރުވެ މިއަހަރަށް ދައްކަންޖެހޭ ދަރަނީގެ ބޮޑު ބައި އެ ފަންޑުން އަދާކުރެވޭ މިންވަރަށް ފައިސާ ވަނީ ޖަމާކޮށްފައި ކަމަށް ވެސް އެ ހިސާބުތަކުން ދައްކައެވެ.