މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދާކަމަށް ވިދާޅުބެ، މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އިސްތިއުފާ ދެއްވުމަށް ފަހު ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްއާ ކައުންސިލު ހަވާލުކުރުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން ގޮވާލައްވައިފި އެވެ.

ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އައިފާނު ވަނީ މާލޭ ސިޓީ ކައުންސިލުގެ މުޅި އިދާރީ ހިންގުމު ނިޒާމު މިއަދު ވަނީ ވަރަށް ބޮޑަށް ބޮއްސުންލާފައިކަމަށެވެ.

Ad
rt

މާލޭގެ މުނިސިޕަލް ހިދުމަތްތައް ވެސް އެކަށީގެންވާ މިންވަރަށް ނުބެލެހެއްޓޭކަމަށާއި މި ދަރަޖައަށް މާލެ ވެއްޓިގެން ދިޔައީ މާލޭގެ މޭޔަރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެ މާތް ތަންތަނުގެ ގޮތުގައި ދެކޭ އަޅުގަނޑުމެންގެ މިސްކިތްތަކަށް އިހުމާލުވެފައި ހުރި މަންޒަރު ފެނިގެން އެބަދޭ. އެތަންތަނުގައި މަސައްކަތް ކުރާ މީހުން އެ މަސައްކަތްތައް ކުރޭތޯ ނުނީ ނުކުރޭތޯ ބަލަނީކީ ނޫން. އެތަންތަނުގެ މަރާމާތުގެ މަސައްކަތްތައް ކުރަނީކީ ނޫން. ވުޟޫކުރަން ދާ ބޭފުޅުންނަށް ވުޟޫ ނުކުރެވި އެ ތިބެނީ. މިދަރަޖައަށް ސިޓީ ކައުންސިލުގެ ކަންކަން ދުއްވާލީމަ މި ދައްކަނީ އިހުމާލުގެ ވާހަކަ. އަޅުގަނޑު ގަބޫލުކުރަނީ އާޒިމް މިއަދު ޖެހޭނީ އިސްތިއުފާ ދީފައި ޑެޕިއުޓީ މޭޔަރާ ކައުންސިލް ހަވާލުކުރާށޭ."އައިފާނު ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ސިޓީ ކައުންސިލުން ކޮށްދޭންޖެހޭ ކަންކަން ނުކޮށްދޭ ކަމުގެ ޝަކުވާތައް މާލޭގެ ރައްޔިތުން ކުރަމުން އަންނަކަމަށް ވެސް އައިފާން ވިދާޅުވިއެވެ.