މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ އަމިއްލަ ޚަރަދުގައި ނ. ކުޑަފަރީގައި ބިނާކުރި އާ މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

150 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދިވެހިވަންތަ ފަރުމާތަކަކަށް ބިނާކޮށްފައިވާ ހިތްގައިމު މިސްކިތެކެވެ.

Ad
rt

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މިސްކިތަކީ ދިވެހީންގެ ޤަދީމީ ތާރީޚާއި ސަގާފަތާއި މަސައްކަތްތެރިކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާނޭހެން ބިނާކޮށްފައިވާ ތަނެކެވެ. އެގޮތުން ހިރިގަލުގެ ވަޑާމާއި، ލަކުޑީގެ ވަޑާމުގެ އިތުރުން ލިޔެލާޖެހުމުގެ ފަންނާއި ހުނަރު މި މިސްކިތުން ފެންނަން ހުރެއެވެ.

ޝިޔާމް ބިނާކޮށްދެއްވި މިސްކިތް ހުޅުވުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި މިސްކިތަކީ އަޙުމަދު ސިޔާމް މުޙައްމަދުގެ ބައްޕާފުޅުގެ ހަނދާނުގައި، އެ މަނިކުފާނުގެ އުފަން ރަށް ކަމުގައިވާ ކުޑަފަރީގައި ބިނާކުރެއްވި މިސްކިތެކެވެ. މިސްކިތުގެ ނަން ނިސްބަތްކުރައްވައިފައި ވަނީ ވެސް އެ މަނިކުފާނުގެ ބައްޕާފުޅަށެވެ. މިގޮތުން މި މިސްކިތުގެ ނަމަކީ "މަސްޖިދު މުޙަންމަދު ޤާސިމް" އެވެ.

ޝިޔާމް ބިނާކޮށްދެއްވި މިސްކިތް، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި މިސްކިތް ފަރުމާކޮށްފައި ވަނީ މާލޭ ހުކުރު މިސްކިތް އަސްލަކަށް ބަލައިގެން އޭގެ ނަކަލެއްގެ ގޮތުގައެވެ. މިސްކިތުގެ އެތެރޭގެ ލަކުޑީގެ ވަޑާމުގައި މުޅީން ވެސް ބޭނުންކޮށްފައި ވަނީ ހައިވަކަރެވެ. މިއީ ގިނަ ދުވަހަށް މިސްކިތް ދެމެހެއްޓުމުގެ މަޤްޞަދުގައި ކޮށްފައިވާ މަސައްކަތެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ކުޑަފަރީ ބަނދަރުމަތީގައި ބިނާކޮށްފައިވާ މި މިސްކިތަކީ ދިވެހި ފަންނުވެރިކަމުގެ ރީތި ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.