ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ 80 އިންސައްތަ ގޮނޑި ކާމިޔަބު ކުރުމަކީ އަމާޒެއް ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މީޑިއާއަކަށް ދެއްވި ހާއްސަ ބަސްދީގަތުމުގައި ވަޒީރު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ 69 ގޮނޑި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ކަށަވަރުގެން ދިއުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ޕާޓީގެ އަމާޒަކީ އިންތިހާބުގެ 80 އިންސައްތަ ގޮނޑި ކާމިޔާބުކުރުން ކަމަށާއި މިހާރުވެސް ގިނަ އަދަދެއްގެ ގޮނޑި ލިބިފައިވާތީ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ލިބިގެންދިޔައީ ވަރަށް ބޮޑު ކާމިޔާބީއެއް. މި ކާމިޔާބީ އެ ރަމްޒުކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި އެމަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވާފައިވާ ހިދުމަތްތަކާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސްޕީޑަށް ބަލާއިރު އެންމެ ރަނގަޅަށް އެ ހިދުމަތް ފޯރުކޮށްދެވޭނީ ހަގީގީ މާނައިގައި ޕީއެންސީ ފިކުރުގެ ބަޔަކު ތިބެގެންކަމަށް ރައްޔިތުން ގަބޫލުކުރާ ކުރުން. ރައީސަށް ލިބުނު ބޮޑު ކާމިޔާބީ އެއްގެ ގޮތުގައި އަޅުގަނޑުމެން މިކަން މި ފާހަގަކުރަނީ" ވަޒީރު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަށް ސަރުކާރުން މި ފަހުން ގެނައި ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ކައުންސިލްތައް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރު ކުރެވިގެން ދާނެ ކަމަށެެވެ.
ގާނޫނަށް ގެނެވެމުންދަ ބަދަލުތަކަކީ މުޅި ނިޒާމަށް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ގެނެވެމުންދާ ބަދަލުތަކެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. އަމާޒަކީ އިންތިހާބުގެ 80 އިންސައްތަ ގޮނޑި ކާމިޔާބުކުރުން ކަމަށް ވަޒީރު ވިދާޅުވީ އިރު ލޯކަލް ކައުންސިލްތަކުގެ 28 ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ 41 ގޮނޑި ކޮންގްރެސް ޕާޓީއަށް ވަނީ ލިބިފައެވެ. މީގެ ތެރޭގައި ހއ. ބާރަށު، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ އެ އަތޮޅު ދިއްދޫ، ލ، މުންޑޫ ކައުންސިލުގެ ރައީސްގެ ގޮނޑިވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!