މިހާރު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ އާދަމް އާޒިމްގެ ފަރާތްޕުޅުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބް ކަންބޮޑުުވުން ފާޅުކުރައްވައިފި އެވެ.
ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި ހަރަކާތުގެ ތެރެއިން މީޑިއާއަކަށް ދެއްވި އިންޓަވިއު އެއްގައި ވަޒީރު ވިދާޅުވީ މާލޭ ރައްޔިތުންގެ އާއްމު ދިރިއުޅުމާ ގުޅުންހުރި ކަންކަން ކުރުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ މާލޭ ސިޓީ ކައުންސިލާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ އެއްބާރުލުން ކައުންސިލުގެ ފަރާތުން ނުލިބޭތީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދަނީ ވުޒާރާގެ ފަރާތުންކަމަށް ވިދާޅުވިއެވެ.
''މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރާކަށް އެއްބާރުލުމެއް ނުލިބުނު. ހަގީގަތުގައި ކައުންސިލުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް އެކަންކަން ހައްލުކުރުމަކީ. އެހެންނަމަވެސް ކައުންސިލަށް އެކަން ނުކުރެވޭތީ ސަރުކާރުން އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން މި ގެންދަނީ. ހަމައެއާއި އެކު މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ވެސް މި ކުރަނީ ސަރުކާރުން. މާލޭގެ ބޭރު މަގު ތަރައްގީ ކުރި އިރުވެސް ކައުންސިލުން ދޭންވާ އެއްބާރުލުން ދީފައެއް ނުވޭ. އެތާ ހުރި މާރުކޭޓު ހުސްކޮށްފައި ނުނެގުމުގެ ސަބަބުން ޕޭވްމަންޓު މަސައްކަތްތައް ވެސް ނުކުރެވި އެ އޮތީ." ވަޒީރު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުގެ ގޮނޑިތައް ޕީއެންސީއަށް ލިބުމުން މިފަދަ ކަންކަމަށް ހައްލު އަންނާނެކަމަށް ވިދާޅުވެ ވަޒީރު ވަނީ އިންތިހާބުގައި ރައްޔިތުން މި ކަންކަމާމެދު ވިސްނަންޖެހޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!