1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 18 ފެބްރުއަރީ 2026 ވާ ބުދަ ދުވަސް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

މިކަން އިޢުލާން ކުރީ 17 ފެބްރުއަރީ ވީ އަންގާރަ ދުވަހުގެ ރޭ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ.

Ad
rt

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސޮއިކުރެއްވި ބަޔާނުގައިވާ ގޮތުން، ބައެއް އިސްލާމީ ޤައުމުތަކަށް ހަނދު ފެނިފައިވާކަން ޝަރްޢީ ހަމަތަކުން ސާބިތުވާތީ، ރާއްޖޭގައި ޢަމަލުކުރާ އުސޫލުގެ މަތިން ބުދަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ވަނީ ނިންމާފައެވެ. މި ބަޔާން އިއްވައިދެއްވީ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ބަޔާނުގައި ރޯދައިގެ ފަރުޟުތައް އަދާކުރުމަށް ސަމާލުކަން ދިނުމަށާއި، މި ބަރަކާތްތެރި މައްސަރުގައި ގިނަގިނައިން ހެޔޮ ޢަމަލުތައް ކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރައްވާފައިވެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ނިންމުން

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 2026 ފެބުރުވަރީ 18 ވާ ބުދަ ދުވަސް ކަމަށް ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކުން ވެސް ވަނީ ކަނޑައަޅާފައެވެ. ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ގަތަރު ފަދަ ގައުމުތަކުގެ ހަނދު ބަލާ ކޮމިޓީތަކުން ހަނދު ފެނުމާ ގުޅިގެން، އެ ގައުމުތަކުން ވަނީ ބުދަ ދުވަހަކީ ރޯދަ މަހުގެ ރަސްމީ ފެށުން ކަމުގައި އިއުލާނުކޮށްފައެވެ.

މީގެ އިތުރުން، އުތުރު އެމެރިކާ އަދި ޔޫރަޕްގެ ގިނަ އިސްލާމީ ކައުންސިލްތަކުން އަމަލުކުރާ ސައިންޓިފިކް ފަލަކީ ހިސާބުތަކުން ވެސް ދައްކާ ގޮތުގައި 18 ފެބުރުވަރީއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް، އަމިއްލަ ސަރަހައްދަށް ލޮލަށް ހަނދު ފެނުމަށް އިސްކަންދޭ އޮމާން އަދި މަޣުރިބު ފަދަ ގައުމުތަކުގައި ޖޯގްރަފީ ސަބަބުތަކަށްޓަކައި ރޯދަ މަސް ފެށުން އެއްދުވަސް ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ނިންމުމާއެކު، ދުނިޔޭގެ މުސްލިމުންގެ ބޮޑުބަޔަކަށް 17 ފެބުރުވަރީ ވީ އަންގާރަ ދުވަހުގެ ރޭ ފުރަތަމަ ތަރާވީޙް ނަމާދު ފެށިގެންދާނެއެވެ. ބުދަ ދުވަހަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ރޯދަ ދުވަހެވެ.