ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ފާސްކުރި ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ އިދިކޮޅު އެމްޑީޕީން ދެކޮޅު ހެދީ ހަ މަސްދުވަހުގެ މުސާރާ އުނިވާތީ ކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާފަންނުގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފަލާހު ވަނީ އެމްޑީޕީއާ ޕީއެންސީއަކީ ވަރަށް ތަފާތު ދެ ސިޔާސީ ފިކުރުކަމަށް ވިދާޅުވެފައެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާ ގުޅުންހުރި މުހިންމު އެތަްއް މަސައްކަތްތަކެއް ކޮންމެ ދުވަހަކު ކުރެވެމުންދާ ތަނެއްކަން ފާހަގަކުރައްވައި ފަލާހު ވަނީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގެ މަސައްކަތްތަކުގައި އެމްޑީޕީން މަޖިލީހުގައި އެއްބާރުލުން ނުދޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ދެ އިންތިހާބު އެއްކޮށްލާ އިސްލާހުގެ މަސައްކަތްތަކަށް ފާޅުގައި ދެކޮޅު ހެދި އިރު ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތް ކުރެވިގެން ކޮންމެ އަހަރަކު ހުށަހަޅާ ބަޖެޓުތަކަށް ވެސް އެމްޑީޕީން ވޯޓު ނުދޭކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު ވަނީ ދެ އިންތިހާބު އެއްކޮށްލަން އެމްޑީޕީން ދެކޮޅު ހެދި ކަމަށް އޭނާ ގަބޫލުކުރަށްވާ ސަބަބުވެސް ރައްޔިތުންނަށް ހާމަކޮށްދެއްވާފައެވެ.

"އިސްލާހާ ދެކޮޅު ހެދީ ހަ މަސް ދުވަހުގެ މުސާރަ އުނިވެގެން. އެއީ ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ ރުފިޔާ.އެއީ ސަބަބަެއްކަމަށް އެބޭފުޅުން ފާހަގަކުރީ." ފަލާހު ވިދާޅުވިއެވެ.

ފަލާހު ވަނީ ޕީއެންސީ ސަރުކާރުން އަބަދުވެސް ނިންމާނީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަންކަމަށް ވިދާޅުވެފައެވެ.

ދެ އިންތިހާބު އެއްކޮށްލާ ބިލާ އިދިކޮޅު މެމްބަރުން ދެކޮޅު ހެދީ އެބޭފުޅުންގެ މުސާރައިން ބައެއް އުނިވާތީކަމަށް ފަލާހު ވިދާޅުވީިއރު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ފާސްކުރި ޤާނޫނުއަސާސީއަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ނިންމަވާފައެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 31 ވަނަ މާއްދާގައި، ރައްޔިތުން ރުހޭތޯ ބެލުމަށް ޓަކައި ނަގާ ވޯޓެއްގައި، އެ އިޞްލާޙު ގެނައުމަށް ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށާއި، އެ އިޞްލާޙެއް ގެނައުމަށް އެ ވޯޓުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީޚަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފައިވާ ތާރީހުކަމަށްވާ އެޕްރީލް މަހުގެ ހަތަރެއް ވާ ހޮނިހިރު ދުވަހެވެ.