މައި ސަރުކާރާ ހިޔާލު ތާފާތު މާލޭ ސިޓީ ކައުންސިލުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތަކަށް މިފަހަރު ހައްލު ގެންނާނޭކަމަށާއި މާލޭ ސިޓީ ކައުންސިލުގެ ގޮނޑިތައް މިގަފަހަރު ނަގާނީ ކޮންގްރެސް ޕާޓީން ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު، މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާފަންނަށް ކުރިމަތިލައިގެން ތިއްބެވި ކައުންސިލަރުންގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމަކުން ހިނގަންފެށި ފަހުން ދިވެހިން ކުރާ އެންމެ ހިތި ތަޖުރިބާއަކީ އޭރަކު އޮންނަ ސަރުކާރަކާ ދެކޮޅަށް މާލޭ ސިޓީ ކައުންސިލު ދިނުން ކަމަށެވެ.
ނަތީޖާއަކީ ސަރުކާރާއި ސިޓީ ކައުންސިލާ ދެމެދު އޮންނަ ސިޔާސީ ހިޔާލު ތަފާތުވުމުގެ ތެރެއިން ހުރިހާ ގެއްލުމެއް ރައްޔިތުންނަށް ލިބިގެން ދިއުންކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވަނީ ކުރިއަށް އޮތް އިންތިހާބުގައި މިކަން ބަދަލުކޮށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ބަޔަކު ކައުންސިލްތަކަށް ހޮވަންޖެހޭކަމަށް ވިދާޅުވެފައެވެ.
"ދެ ގެރި ތެޅީމަ ކަށްގަލަށް ބާރުކުރާހެން އެ ހުރިހާ ބާރެއް ކުރަނީ ރައްޔިތުންނަށް. މިފަހަރު ދެ ގެރި ތަޅާކަށް ފުރުސަތެއް ނުދޭނަން، މާލޭ ސިޓީ ކައުންސިލް މިފަހަރު ނަގާނީ ޕީއެންސީން." މެމްބަރު ވިދާޅުވިއެވެ.
ޕީއެންސީއަށް ސިޓީ ކައުންސިލް ދޭންވީ ސަބަބު ވިދާޅުވެދެއްވައި މެމްބަރު ވިދާޅުވީ މިއަދު އިދިކޮޅު މޭޔަރަކު ކައުންސިލުގައި ހުރުމުގެ ސަބަބުން މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި އެއްބާރުލުން ނުދެއްވި ކަމަށާއި އެންމެ ކުޑަމިނުން ޒުވާން ފުޓްސެލް ޓީމް ޕްރެކްޓިސްކޮށްލަން ފުޓްބޯޅަ ދަނޑު ވެސް ދޫ ނުކުރިކަމަށެވެ.
އެމްޑީޕީގެ މޭޔަރު ސަރުކާރަށް ނުހަނު ދުއްތުރާ ކުރާކަމަށް ވިދާޅުވެ މެމްބަރު މުސްތަފާވަނީ މާލޭ ސިޓީ ކައުންސިލުގެ ހުރިހާ ގޮނޑިތަކެއް މި ފަހަރު ސަރުކާރަށް ދިނުމަށް ހާއްސަކޮށް މާފަންނުގެ ރައްޔިތުންނަށް އަދި އާއްމުކޮށް މާލޭގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!