ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެތުލީޓުންނާއި އޮފިޝަލުންގެ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ރޭ ބާއްވައިފިއެވެ.

މި ހަފްލާގައި ރާއްޖޭގެ އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކަށް ވަނީ އެވޯޑްތައް ހަވާލުކޮށްފައެވެ.

Ad
rt

ލައިފްޓައިމް އެޗީވްމަންޓް އަދި ޚާއްސަ އެވޯޑްތައް

މި އަހަރުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލުކުރީ ދިވެހި ފުޓްބޯޅައިގެ ލެޖެންޑް މޫސާ މަނިކު (ކުޑަމޫސަ) އާއި އޭނާގެ ކޮއްކޮ، ފުޓްބޯޅަ އަދި ވޮލީބޯޅައިގެ ތަރި މުހައްމަދު ނަދީމް އެވެ. މީގެ އިތުރުން ރާއްޖޭގެ ކުޅިވަރަށް ޚިދުމަތްކުރުމުގެ ޚާއްސަ އެވޯޑް ލިބުނީ ޕީއެސްއެމް ނިއުސްގެ ކުޅިވަރު އެޑިޓަރު ސާއިދު އަޙްމަދު އަށެވެ.

ރައީސް ސްޕޯޓްސް އެވޯޑްސް ހަފުލާ ޝަރަފްވެރިކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް

އޮލިމްޕިކް އަދި ނޮން-އޮލިމްޕިކް ކުޅިވަރުތަކުގެ ވަނަތައް

އޮލިމްޕިކް ކުޅިވަރުތަކުން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އެވެ. ދެވަނަ އާއިޝަތު މާޖިދާ ހޯދިއިރު، ތިންވަނަ ލިބުނީ ފާތިމަތު ޖޫޒާން ޒަރީރު އަށެވެ. ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ޓީޓީ ކުޅުންތެރިޔާ މޫސާ މުންސިފް އަހްމަދު އެވެ. ނޮން-އޮލިމްޕިކް ކުޅިވަރުތަކުން އެންމެ މޮޅު އަންހެން އެތުލީޓަކަށް ނެޓްބޯޅަ ކުޅުންތެރިޔާ އީމާ އަބްދުސައްތާރު ހޮވުނުއިރު، ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ބޮޑީބިލްޑަރު އަޒުނީން ރަޝާދު އެވެ.

ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އަންހެން އެތުލީޓު ދީމާ އަށް ރައީސް އެވޯޑު ހަވާލުކޮށްދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ޒުވާން އެތުލީޓުންނާއި ސްޕެޝަލް އޮލިމްޕިކްސް

އަހަރުގެ އެންމެ މޮޅު ޒުވާން އަންހެން އެތުލީޓަކަށް ފާތިމަތު ދީމާ އަލީ ހޮވުނުއިރު، ފިރިހެން އެންމެ މޮޅު ޒުވާން އެތުލީޓަކަށް ހޮވުނީ ފެތުންތެރިޔާ މުހައްމަދު ރިހާން ޝަހީމް އެވެ. ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ހާސިލުކުރީ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުން ކަމަށްވާ މުހައްމަދު އައްޝަލް އާދަމް އަދި މަރްޔަމް ޒިވާ ޒާހިރު އެވެ.

ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިންތެރޭ ހިމެނުނު އުމައިރަށް އެވޯޑް ހަވާލުކުރަނީ، ފޮޓޯ: ރައީސް އޮފީސް

ވަކިވަކި ކުޅިވަރުތަކުން ހޮވުނު އެންމެ މޮޅު އެތުލީޓުން

މި ހަފްލާގައި އެކި ކުޅިވަރުތަކުން އެންމެ މޮޅު އެތުލީޓުން ވަނީ ހޮވާފައެވެ. އޭގެ ތެރޭގައި އެތުލެޓިކްސް އިން ހަސަން ސާއިދު، ބެޑްމިންޓަން އިން ފާތިމަތު ނަބާހާ އާއި ޒަޔާން ޝަހީދު، އަދި ބޮޑީބޯޑިން އިން ހުރްޝުވާން އަހްމަދު ހިމެނެއެވެ. އަދި ކެރަމް، ރާޒުވާ، ކްރިކެޓް، ހޭންޑްބޯޅަ، ބިލިއާޑް، ޝޫޓިން އަދި ފެތުމުގެ ދާއިރާއިން ވެސް ވަނީ އެންމެ މޮޅު ކުޅުންތެރިން ހޮވައި އެވޯޑް ދީފައެވެ.