ބެލްޖިއަމްގެ އެންމެ ބޮޑު ހަތިޔާރު އުފައްދާ ކުންފުނި ކަމަށްވާ އެފް.އެން ހާސްޓަލް އަށް އިސްރާއީލު ސިފައިންގެ އިސް އޮފިސަރަކު ޒިޔާރަތް ކުރުމާ ގުޅިގެން، އެ ކުންފުނީގެ މުވައްޒަފުން ކުއްލި ހަޅުތާލެއް ފަށައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި އޮފިސަރަކީ ދިފާއީ މަންދޫބުންގެ ވަފުދެއްގެ ތެރޭގައި ހިމެނިގެން އެ ކުންފުންޏަށް ދިޔަ މީހެކެވެ. ހުކުރު ދުވަހުގެ މެންދުރުފަހު ހާސްޓަލްގައި ހުންނަ އެ ފެކްޓްރީގައި ކުރިއަށްދިޔަ މި ހަޅުތާލަކީ، ސޯޝަލިސްޓް ޓްރޭޑް ޔޫނިއަން (އެފްޖީޓީބީ) އާ ގުޅުންހުރި މުވައްޒަފުން އިސްނަގައިގެން ފެށި ހަރަކާތެއްކަން ކުންފުނިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

Ad
rt

ބްރަސަލްސްގައި ހުންނަ ހިންދު ރަޖަބް ފައުންޑޭޝަންގެ ޖެނެރަލް ޑައިރެކްޓަރު ދިޔާބް އަބޫ ޖަހްޖަހް ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ވިދާޅުވި ގޮތުގައި، އިސްރާއީލުގެ އަސްކަރީ އޮފިސަރަކު ފެކްޓްރީއަށް ޒިޔާރަތްކުރިކަން އެނގުމާއެކު މުވައްޒަފުން ވަނީ ވަގުތުން މެޝިންތައް ނިއްވާލައި މަސައްކަތް ހުއްޓާލާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ހަތިޔާރު އުފައްދާ ކުންފުނިތަކުން ބައިވެރިވުމާ ދެކޮޅަށް މުވައްޒަފުން ދިން ވަރުގަދަ މެސެޖެކެވެ.

އަބޫ ޖަހްޖަހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެތަނަށް ޒިޔާރަތް ކުރީ ބެލްޖިއަމްގައި ހުންނަ އިސްރާއީލުގެ އަސްކަރީ އެޓޭޝޭ މޯޝޭ ޓެޓްރޯ ކަން ކަށަވަރުވެއްޖެނަމަ، އެއީ ޣައްޒާގެ ހޮސްޕިޓަލްތަކަށް ހަމަލާދިނުމާއި، ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ބައިވެރިވެފައިވާ މީހެކެވެ.

މީގެ އިތުރުން، ހިންދު ރަޖަބް ފައުންޑޭޝަނުން ވަނީ ބްރަސަލްސްގައި ހުންނަ އިސްރާއީލުގެ އަސްކަރީ އެޓޭޝޭއާ ދެކޮޅަށް ހޭގްގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް (އައިސީސީ) މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެ ޖަމްއިއްޔާއިން ބުނާ ގޮތުގައި އެ އޮފިސަރުގެ މައްޗަށް ކުރެވޭ ހަނގުރާމަވެރި ކުށްތަކުގެ ތުހުމަތުތަކާ ގުޅޭ ލިޔެކިޔުންތައް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އައި.ސީ.ސީ އަށް ހުށަހަޅާފައެވެ.

އަބޫ ޖަހްޖަހް ވަނީ ބެލްޖިއަމްގެ ކަމާބެހޭ ފަރާތްތަކުން އެ އޮފިސަރު ވަގުތުން ގައުމުން ބޭރުކޮށްލުމަށް ވެސް ގޮވާލައްވާފައެވެ.