ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޗެމްޕިއަންކަން ހދ. ނައިވާދޫ ހޯދައި، ދިވެހިރާއްޖޭގެ ފުޓްސަލް ރަސްކަމުގެ މަގާމު ކަށަވަރުކޮށްފިއެވެ.
ނައިވާދޫ ޗެމްޕިއަންކަން ހޯދީ މިރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލްގައި 9-3 ލަނޑުގެ ބޮޑު ތަފާތަކުން ގއ.ދެއްވަދޫ ބަލިކޮށްގެންނެވެ.
މެޗުގެ 15 ވަނަ ސުކުންތުގެ ތެރޭގައި ޖޯޒީ ނަންބަރު 21 އަހްމަދު ރާހިލް ރަޝީދު ވަނީ ގޯލެއް ޖަހައި ދެއްވަދޫ އަށް ލީޑު ނަގައިދީފައެވެ. ދެއްވަދޫގެ ލަނޑަށްފަހު ނައިވާދޫ ޓީމު ހަމައަކަށްއަޅުވައި ވަރުގަދަ ކުޅުމެއް ކުޅެންފެށިއެވެ. ނައިވާދޫ ޓީމުގެ ހަލުވި ޕާސްތަކުގެ ތެރެއިން ޢަބުދުﷲ ޝާފިއު (ސާއްޕެ) މުޅިން ހުސްކޮށް އަަރައި ގޯލަށް ފޮނުވާލި ބާރު ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އެއިގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނައިވާދޫ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނައިވާދޫ އަށް މި ލަނޑުޖަހައި ދިނީ އަހްމަދު ހަމީދު (އައްމަޑޭ) އެވެ. އައްމަޑޭ އެ ލަނޑުޖެހީ ލިބުނު ހިލޭ ޖެހުމަކުން ގޯލްގެ މަތީ ކަނުގައި ބޯޅަ ތަތްކޮށްލައިގެންނެވެ. އެއިގެ ފަހުން ވެސް ސާއްޕެ ވަނީ ވަރުގަދަ ހަމަލާތަކެއް ފުލުފުލުގައި ފޮނުވާލާފައެވެ. އެ ތަނުން އެއް ހަމަލާ ދެއްވަދޫ ކީޕަރު ދިފާޢުކުރިއިރު، އެއިގެ ފަހުން ސާއްޕެ ފޮނުވާލި ބާރު ބޯޅައެއް ވަނީ ދަނޑީގައި ޖެހިފައި ބޭރަށް ގޮސްފައެވެ. ދެއްވަދޫ އަށް ސާއްޕެ ހިފަހައްޓައި ނުލެވުމުގެ ނަތީޖާ އަކަށްވީ ސާއްޕެ ލަނޑެއްޖަހައި ނައިވާދޫއަށް ލީޑު ނަގައިދިނުމެވެ. އެއަށްފަހު ނައިވާދޫގެ ތިންވަނަ ލަނޑު ޖަހައިދިނީ މުހައްމަދު އަސްލަމް (މޯންޑޭ)ގެ ޕާހަކުން ޔާމީން މުހައްމަދު (ޔާންޓޭ) އެވެ.
ޗެމްޕިއަން ނައިވާދޫ ތަށި އުފުލާލަނީ، ފޮޓޯ: ރައީސް އޮފީސް
ނައިވާދޫ ދެ ލަނޑުގެ ލީޑެއްގައި އޮއްވާ ދެއްވަދޫ އަށް ވަނީ ނަތީޖާ ފަރަގު ކުޑަކުރަން ޕެނަލްޓީއަކުން ފުރުސަތު ލިބިފައެވެ. ނައިވާދޫ ފައުލް ހަމަވުމުން ލިބުނު ޕެނަލްޓީ ދެފަހަރަށް ޖަހައިގެން ވެސް ދެއްވަދޫ އަށް ކާމިޔާބެއް ނުވިއެވެ. ދެ ފަހަރު ޖެހި ޕެނަލްޓީ ވެސް މުޅި މެޗުގައި މޮޅު ކުޅުމެއްދެއްކި ކީޕަރު ނާޖިހު ވަނީ މަތަކޮށްފައެވެ. ދެވަނަ ޕެނަލްޓީ ޖެހީ ފުރަތަމަ ޕެނަލްޓީ ގައި ކީޕަރ އޭރިއާ ބޭރަށް ނުކުތްކަމަށް ނިންމާފައެވެ.
ގޯލްޑަން ފުޓްސަލް ފައިނަލްގައި ނައިވާދޫ ޝާއްޕެ ދެއްވަދޫ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެން ދަނީ، ފޮޓޯ: އިމޭޖްސް.އެމްވީ
މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ނައިވާދޫ ޔާމީންގެ އަތުގައި ބޯޅަ ޖެހުނުކަމަށް ނިންމައި، ފައުލެއްކަމަށް ގުނައި އިތުރު ޕެނަލްޓީ އެއް ދެއްވަދޫ އަށް ދިނެވެ. ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން ޖެހި ޕެނަލްޓީ ނައިވާދޫ ކީޕަރު ނާޖިހް ވަނީ އިތުބާރާއެކު ދިފާޢުކޮށްފައެވެ.
އެ ޕަނަލްޓީގެ ފަހުން ދެއްވަދޫ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ނައިވާދޫ އަށް ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން 29 ސުކުންތައް ވެފައި ވަނިކޮށް ލިބުނު މި ޕެނަލްޓީ ގޯލުގެ ކަނު ދާގަނޑުގައި ތަތްކޮށްލައި އައްމަޑޭގެ ދެވަނަ ގޯލާއެކު، މެޗުގެ ހަތަރު ވަނަ ލަނޑު ނައިވާދޫއިން ވަނީ ޖަހާފައެވެ.
މޮޅު ކުޅުމެއްދައްކައި ތަށި ހޯދި ނައިވާދޫ ކުޅުންތެރިން އުފާފާޅުކުރަނީ، ފޮޓޯ: އިމޭޖްސް.އެމްވީ
ދެވަނަ ހާފު ފަށައި ކުޑަ އިރުކޮޅެއްތެރޭ ދެއްވަދޫ އިން ވަނީ ލަނޑެއްޖަހައި ފަރަގު 2-4 އަށް ކުޑަކޮށްފައެވެ. ދެއްވަދޫގެ އިމްރާން މި ލަނޑު ޖަހައިދިންތާ މާގިނައިރެއްނުވެ ނައިވާދޫން ވަނީ އިތުރު ލަނޑެއްޖަހައި 5-2 ލަނޑުގެ ނަތީޖާ އަކާއެކު އަނެއްކާވެސް ފަރަގު ބޮޑުކޮށްފައެވެ. އެއީ ޢަބުދުﷲ ވިސާމް ޖަހައިދިން ލަނޑެކެވެ. އެ ލަނޑަށްފަހު ސާއްޕެ ދިން ބޯޅައަކުން މާގިނައިރެއްނުވެ ވިސާމް ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 6-2 އަށް ބަދަލުކޮށްލާފައެވެ.
ނައިވާދޫ ބޮޑު ލީޑެއް ދަމަހައްޓަމުން ދަނިކޮށް ދެއްވަދޫއިން ވަނީ އަނެއްކާވެސް ލަނޑެއްޖަހައި މެޗުގެ ނަތީޖާ 3-6 އަށް ބަދަލުކޮށްފައެވެ. އެ ލަނޑުޖަހައި މާގިނައިރެއްނުވެ ނައިވާދޫގެ ސާއްޕެ ލަނޑެއް ޖަހައިދީ ނަތީޖާގެ ފަރަގު 7-3 އަށް ވަނީ ބޮޑުކޮށްފައެވެ. މިއީ މެޗުގައި ސާއްޕެގެ ދެވަނަ ލަނޑެވެ.
ކާމިޔާބީގައި ނައިވާދޫގެ އޮފިޝަލުން އުފާ ފާޅުކުރަނީ، ފޮޓޯ: އިމޭޖްސް.އެމްވީ
މެޗު ނިމެން ފަހު މިނިޓްގެ ކުޅުން ހިނގަމުންދަނިކޮށް ނައިވާދޫގެ ހުސައިން މައިޝަން ވަނީ މުޅިން ހުސްކޮށްހުރެ ކުރިއަށް ޖެހިލައި ގޯލުގެތެރެއަށް ބޯޅަ ވައްދާލައިގެން ނައިވާދޫ އަށް 8 ވަނަ ލަނޑު ޖަހައިދީފައެވެ. މިލަނޑަށްފަހު ކުޑަ ހިނދުކޮޅެއްގެ ތެރޭ ސާއްޕެ ވަނީ ހެޓްރިކްހަދައި ނައިވާދޫގެ ލަނޑުގެ އަދަދު 9 އަށް ބަދަލުކޮށްލައި ތަށީގެ ޔަގީންކަން ދަމަހައްޓާފައެވެ.
މިއީ މި މުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ދެފަހަރު ނައިވާދޫ ކުޅުނު ދެވަނަ ފަހަރެވެ. މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލްގައި ކުޅުނު ނައިވާދޫ ވަނީ މި މުބާރާތުގައި ޒޯން 1ގެ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދާފައެވެ. އެއީ 2026 ވަނަ އަހަރުގެ އިތުރުން 2025، 2023 އަދި 2018 ވަނަ އަހަރު އެވެ.
ނައިވާދޫ ވަނީ މި މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ.
މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނަކީ ކ. ކާށިދޫއެވެ. ރަނަރަޕަކީ ހދ. ނައިވާދޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!