ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަކީ ވަރަށް ޚުލްޤުހެޔޮ ދެމަފިރިންކަމަށާއި، އެ ދެމަފިރިންނާއި ޢާއިލާއިން އެއްވެސް ކަމަކަށް ނުފޫޒު ނުފޯރުވާނެކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
އިގްބާލް މިފަދައިން ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ "އަހަރުގެ ޒުވާން ކުޅުންތެރިޔާ" (ފިރިހެން) ކެޓަގަރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ފިރިހެން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވުމާ ގުޅިގެން ބައެއް ފަރާތްތަކުން ފަތުރާ ވާހަކަތަކާއި ގުޅިގެންނެވެ.
އިގްބާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން ޢުމޭރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވުން ކުށަކަށްވީ ކޮން ގޮތަކުންތޯ ސުވާލު ކުރަށްވާފައެވެ.
''ޢުމުރުން 17 އަހަރުވެސް ނުފުރޭ ޢުމޭރުއާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުން ހުއްޓާލުމަށް ގޮވާލަން'' އިގްބާލް ވިދާޅުވެފަވެއެވެ.
ސަލާމް،
ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން ޢުމޭރު ސްޕޯޓްސް އެވޯޑަށް ނޮމިނޭޓްވުން ކުށަކަށްވީ ކޮން ގޮތަކުންބާވައެވެ؟ ޢުމުރުން 17 އަހަރުވެސް ނުފުރޭ ޢުމޭރުއާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުން ހުއްޓާލުމަށް ގޮވާލަމެވެ. pic.twitter.com/kZ6nB70JqO— Iqbal Adam (@IqeyAdam) February 14, 2026
އިގްބާލް ވިދާޅުވީ ރައީސްގެ ދެކަނބަލުންގެ ރިވެތި ޚުލްގާއެކު ދަރިންވެސް ތަރުބިއްޔަތު ކުރަށްވަނީ އެ ޚުލްގުގެ މަތީގައި ކަމަށެވެ. އަދި އުމެއިރަކީ އެންމެ ކުޑައިރުއްސުރެ ޓޭބަލް ޓެނިސް ކުޅެމުން އަންނަ، އެ ކުޅިވަރުގެ ހުނަރުން ފުރިގެންވާ ކުއްޖެއްކަމަށް ވެސް އިގްބާލް ވިދާޅުވިއެވެ.
އުމައިރުގެ ކާމިޔާބީތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ 62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަނުން އޭނާ ވަނީ ގިނަ މެޑަލްތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި 15 އަހަރުން ދަށުގެ ސިންގަލްސް އާއި 17 އަހަރުން ދަށުގެ ޑަބަލްސް އިން ރަން މެޑަލް ހޯދުން ހިމެނެއެވެ. މީގެ އިތުރުން 30 ވަނަ ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވެސް އޭނާ ވަނީ 15 އަހަރާއި 17 އަހަރުން ދަށުގެ އެކި ކެޓަގަރީތަކުން ފަސް ރަން މެޑަލް ހާސިލްކޮށްފައެވެ. މީގެ އިތުރުން ވެސް އުމައިރު ވަނީ އިންޓަރސްކޫލް ޓޭބަލް ޓެނިސް މުބާރަތްތަކުގައި ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!