ހދ. އަތޮޅު ކައުންސިލާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ބައްދަލުކުރައްވައި، އަތޮޅުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރެއްވިގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހދ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ހދ. އަތޮޅު ކައުންސިލްގެ ފަރާތުން ވަނީ ފުލުހުން އަތޮޅުގެ ރަށްރަށުގައި ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނުކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނިގޮތުގައި ރަށްރަށުގައި ދިމާވާ އިޖުތިމާޢީ މައްސަލަތަކަށް ބަލާއިރު، ޚާއްޞަކޮށް ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ކައުންސިލާއި ފުލުހުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ހދ. އަތޮޅު ކައުންސިލްގެ މެންބަރުންގެ އިތުރުން ފުލުހުންގެ ކަމާގުޅޭ ދާއިރާތަކުގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!