ޕެނަލްޓީގައި އޭދަފުށި ބަލިކޮށް ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލްގެ ފުރަތަމަ ޖާގަ ނައިވާދޫ ކަށަވަރުކޮށްފިއެވެ.

މިދިޔަ އަހަރުވެސް މި މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ކުޅެ، މިދިޔަ އަހަރުގެ ރަނަރަޕް ނައިވާދޫ މި އަހަރުގެ ފައިނަލަށް ދަތުރުކުރީ ފުރިހަމަ ވަގުތުގައި 1-1 ގެ ނަތީޖާއިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 5-4 އިން އޭދަފުށި ބަލިކޮށްގެންނެވެ.

Ad
rt

މިރޭގެ މެޗުގެ ފުރިހަމަ ވަގުތުގައި ނައިވާދޫ ޖެހިލަނޑު ޖަހައިދީފައި ވަނީ ޢަބުދުﷲ ޝާފިއު (ސާއްޕެ) އެވެ. އެއީ ގޯލް އޭރިއާ ބޭރުގައި ހުރެ ސާއްޕެ ފޮނުވާލި ބޯޅަ ގޯލް ދާގަނޑުގައި ތަތްކޮށްލައިގެންނެވެ. އޭދަފުއްޓަށް ލަނޑު ޖަހައިދިނީ މުހައްމަދު ފާސިރެވެ.

ނައިވާދޫ އަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހުސައިން މައިޝަން، އަހްމަދު ހަމީދު (އައްމަޑޭ)، މުހައްމަދު އަސްލަމް (މޯންޑޭ) އަދި ޢަބުދުﷲ ވިސާމެވެ. އޭދަފުއްޓަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް، އިސްމާއީލް ޝަރީފް އަދި މުހައްމަދު ޝާން އަބުދުލްޣަފޫރެވެ.

ޕެނަލްޓީގައި ނައިވާދޫ ކީޕަރު ނާޖިހުގެ މޮޅު ދިފާއު ފެނިފައިވާއިރު، ސާއްޕެ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ނައިވާދޫގެ މުހައްމަދު ޔާމީނެވެ.

މި މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި ކުޅޭނީ ގއ. ދެއްވަދޫ އާއި ވިލިމާލެ އެވެ.

ނައިވާދޫ އަކީ މި މުބާރާތުގެ މިއަހަރު ހދ. އަތޮޅު އަދި ޒޯން 1 ގެ ވެސް ޗެމްޕިއަނެވެ.

މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލްގައި ކުޅުނު ނައިވާދޫ ވަނީ މި މުބާރާތުގައި ޒޯން 1ގެ ޗެމްޕިއަންކަން ޖުމްލަ ހަތަރު ފަހަރު ހޯދާފައެވެ. އެއީ 2026 ވަނަ އަހަރުގެ އިތުރުން 2025، 2023 އަދި 2018 ވަނަ އަހަރު އެވެ.

ނައިވާދޫ ވަނީ މި މުބާރާތުގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ގައި ހޯދާފައެވެ.