ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޖަރުމަނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރު ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި ޖަރުމަނުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މި ބައްދަލުވުމުގެ ތެރެއިން، ބައިވެރިވި ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާއާ ވަކިން ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން، އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް ވަގުތު ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ބޭރުގައި ދިރިއުޅޭ ދިވެހިންގެ ޙާލު ބައްލަވައި، އެމީހުންގެ އަޑު އެއްސެވުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މުހިންމު ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!