ސީރިއާއަށް ދިވެހިން ދަތުރުކުރުން މަނާކޮށްފައި އޮތްއޮތުން ފަސް އަހަރު ފަހުން ދިވެހި ސަރުކާރުން އުވާލައިފި އެވެ.
ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައާ ގުޅިގެން އެ ގައުމަކީ ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ 2019 ވަނަ އަހަރު އެވެ. އެއީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ނިންމި ނިންމުމެކެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި އެކަން ވަނީ އުވާލައިފަ އެވެ. އަދި ސީރިއާގައި މިހާރު ވެރިކަން ކުރާ އެޗްޓީއެސް ޖަމާއަތް ވެސް ވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފަ އެވެ.
އެޗްޓީއެސް ޖަމާއަތް 2019 އިން ފެށިގެން އޮތީ ރާއްޖޭގެ ޓެރަރިސްޓް ލިސްޓްގަ އެވެ. އެހެން ނަމަވެސް އަލްގައިދާ އާއި އިސްލާމިކް ސްޓޭޓް ފަދަ ޖަމާއަތްތައް އަދިވެސް އެ ލިސްޓްގައި އެބައޮތެވެ.
ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން އެ ލިސްޓްގައި ހިމެނޭ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމަކީ ދިގު މުއްދަތުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!